ކުޑަ ޢަދަދުތަކުން މަޝްރޫޢުތައް ފެށުމަކީ ރަނގަޅުގޮތެއް ނޫން: މާލީ ވަޒީރު

އާނާ ފަހީމް | 116 ދުވަސް ކުރިން - 14:51
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 50 ވަނަ ޖަލްސާގައި މާލީ ވަޒީރު މޫސާ ޒަމީރު/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 50 ވަނަ ޖަލްސާގައި މާލީ ވަޒީރު މޫސާ ޒަމީރު/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދާނެ ކަމަށް އަދި ކުޑަ ޢަދަދުތަކުން މަޝްރޫޢުތައް ފަށައިފިނަމަ ގިނަ މަޝްރޫޢުތައް ހުންނާނީ ކުރިއަށް ނުގޮސް ކަމަށް ޒަމީރު ވިދާޅުވި.

ކުޑަ ޢަދަދުތަކުން މަޝްރޫޢުތައް ފަށައިފިނަމަ ގިނަ މަޝްރޫޢުތައް ހުންނާނީ ކުރިއަށްނުގޮސް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގެން މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

މާލީ ވަޒީރު ވިދާޅުވީ މީގެ ކުރިން ބަޖެޓުތައް ހުށަހެޅުމުގައި ކަންކަން ކުރަމުން އައިގޮތަށް މަޝްރޫޢުތަކުގެ ލިސްޓެއް ހަދައި އެ މަޝްރޫޢުތަކަށް ކުދި އަދަދުން ޖަހައިގެން ފަށައިގަނެފިނަމަ ގިނަ މަޝްރޫޢުތައް ހުންނާނީ ބަޖެޓު ނެތި ނުވަތަ ކޭޝްފްލޯ ނެތި ކުރިއަށް ނުގޮސް ކަމަށެވެ. އަދި ކުރީ ސަރުކާރުން އެމްޓީސީސީއާއި ގިނަ އަދަދެއްގެ މަޝްރޫޢުތައް ހަވާލުކުރިއިރު މިހާރުވެސް އެ ކުންފުނީގައި 18 ބިލިޔަން ރުފިޔާގެ މަޝްރޫޢު ފައިނޭންސް ކުރެވޭނެގޮތެއް ނެތި ކުރިއަށްނުގެންދެވި ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ބަޖެޓުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި މިހާރު ސަރުކާރުން ގެންގުޅޭ ލިސްޓުގައި އެއްވެސް ރަށެއް އުނިވެފައި ނޯންނާނެ ކަމަށް ޔަގީންކަން ދެއްވިއެވެ.

މީގެ އިތުރުން މާލީ ވަޒީރު ވިދާޅުވީ ސަރުކާރުގެ ނިންމެވުމާއި އެއްގޮތަށް މިއަހަރު ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާނެ ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުމުގެ ދަށުން އެ ކުންފުނިތަކަކީ ޖަވާބުދާރީވާންޖެހޭ ގޮތަށް ހިންގާ ތަންތަނަށް ހަދާނެ ކަމަށެވެ. އަދި އާސަންދަ ނިޒާމުގެ ދަށުން އާންމު ރައްޔިތުންނަށް ލިބޭ ޚިދުމަތަށް ބަދަލެއް ނުގެނެސް މިހާރުވާ އިސްރާފު ހުއްޓުވުމުގެ ސަބަބުން 500 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި މިހާރު ޕެންޝަން ލިބޭ ފަރާތްތަކުގެ ޕެންޝަނަށް ބަޖެޓުން ބަދަލެއް ނާންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރުގެ މި ބަޔާނުން އެނގެނީ ސަރުކާރުން އަންނަ އަހަރުގެ ބަޖެޓު ރޭވުމުގައި މަޝްރޫޢުތަކަށް އިސްކަންދީފައިވާ ގޮތާއި، ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ބަޖެޓު ރޭވުމުގެ އުސޫލުތަކާ ތަފާތު ގޮތަކަށް މިފަހަރު ކަންކަން ރާވާފައިވާކަމެވެ. ވަޒީރުގެ ވާހަކަފުޅުން ސާފުވަނީ ކުރިއަށް އޮތް އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ރާވާފައިވާކަމާއި، އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ވިސްނާފައިވާކަމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%