އެއްވެސް ރައްޔިތެއްގެ ހައްޤު ނުގެއްލޭގޮތަށް ފޯމުތައް ބަލައި ކަށަވަރު ކުރުމަށްފަހު ފްލެޓް ލިސްޓު އިއުލާނު ކުރާނެ: ހައުސިންގ މިނިސްޓްރީ

މަރްޔަމް ޝަހުދާ | 120 ދުވަސް ކުރިން - 17:13
ޚުލާސާ

މި ސްކީމުގެ ދަށުން ތަރައްޤީކުރާ ފްލެޓްތައް ދޫކުރެވޭނީ ފްލެޓްގެ ހައްޤުވެރިންނަށްތޯ ކަށަވަރުކުރާނެ ކަމަށް ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނޭ.

މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށް އިޢުލާން ކުރެވުނު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ނެރޭނީ އެއްވެސް ރައްޔިތެއްގެ ހައްޤު ނުގެއްލޭ ގޮތަށް ފޯމުތައް ބަލައި ކަށަވަރުކޮށްފައި ކަމަށް ގެދޮރުވެރިކަމާއި، ބިމާއި ޢުމްރާނީ ތަރައްޤީއާއިބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުރިން ޢާންމު ކުރެވިފައިވާ "ގެދޮރުވެރިޔާ" ސްކީމްގެ އުޞޫލުގެ ދަށުން 20،697 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ފޯމުތައް ބެލުމުގައި ކަށަވަރުކުރަންޖެހޭ ގިނަ ކަންކަންތަކެއް ހުރިކަމަށާއި، މިކަމުގެ ސަބަބުން މި މަސައްކަތް ނިންމުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން މި ސްކީމުގެ ދަށުން ވަގުތީ ލިސްޓާއި ރީ-އިވެލުއޭޝަނާއި ގުޅިގެން މަސައްކަތްތަކުގެ ތަފްޞީލް މަސައްކަތް ނިމުނުހައި އަވަހަކަށް ޢާންމުކޮށް ޙިއްސާކުރާނެކަމަށް އެ ވުޒާރާއިން ބުނެއެވެ.

"މި މަސައްކަތްތަކަށް އިތުރު މުއްދަތު ދިޔަކަމުގައިވިޔަސް، ސަރުކާރުގެ މަޤްޞަދަކީ މި ސްކީމުން ފްލެޓް ހޯދުމަށް ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ޙައްޤެއް ގެއްލިގެން ނުދާނެކަން ކަށަވަރުކުރުމާއެކު، މި ސްކީމުގެ ދަށުން ތަރައްޤީކުރާ ފްލެޓްތައް ދޫކުރެވޭނީ ޙައްޤުވެރީންނަށްކަށް ޔަޤީންކުރުމެވެ." އެ ވުޒާރާގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

26 ޖޫން 2026 ގައި ފަށާފައިވާ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު ފުރަތަމަ ޢާންމު ކޮށްފައިވަނީ 15 ނޮވެމްބަރު 2023 ގައެވެ. ނަމަވެސް އޭރު އިޢުލާނު ކުރެވުނު ލިސްޓުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ހުރިކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އެސީސީ) ވަނީ އެ ވުޒާރާއިން މި މަޝްރޫޢާއި ގުޅިގެން ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް ހުއްޓުވާފައެވެ. އަދި އޭސީސީގެ ތަޙުޤީޤު ނިންމައި އެ އިދާރާއިން ވަނީ އޭރު ނެރެފައިވާ ލިސްޓުގައި ކޮރަޕްޝަނަށް މަޤުފަހިވާ ގޮތަށް ކަންކޮށްފައިވާ ކަމަށް ނިންމައި، އަލުން ލިސްޓު އެވަލުއޭޓް ކުރުމަށް އަންގާފައެވެ.

އެއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅުގެ މަތީން ވަކި ހައުސިންގ ކޮމިޓީއެއް އެކުލަވައިލައި އެ ވުޒާރާއިން އަންނަނީ ހުރިހާ ފޯމުތައް އަލުން އެވަލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%