ބަންގްލަދޭޝް ބަލިކޮށް ރާއްޖޭގެ މަރުވެފައި އޮތް ފުޓުބޯޅައަށް ދިރުން ގެނެސްދީފި!

އުސްތާޛް މުޙައްމަދު ޢަލީ | 139 ދުވަސް ކުރިން - 13:11
ޚުލާސާ

ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ރާއްޖެ މޮޅުވެ، (ބަކާ) އަށް ޚާއްޞަކޮށްފި. ސެންޓޭ ޖެހި ލަނޑުން މޮޅުވި މި މެޗަކީ އަހަރެއްފަހުން ޤައުމީ ޓީމު ކުޅުނު ފުރަތަމަ މެޗު.

ބައިނަލް އަޤްވާމީ އެކުވެރިކަމުގެ މެޗުން ބަންގްލަދޭޝް ބަލިކޮށް ރާއްޖޭގެ މަރުވެފައި އޮތް ފުޓުބޯޅަ ދިރުވައިފިއެވެ.

ޑާކާގެ ބަޝުންދަރާގައި ކުޅުނު މި މެޗުން ރާއްޖެ މޮޅުވީ 1-0 ލަނޑުންނެވެ. މިއީ ރާއްޖޭގެ ފުޓުބޯޅަ “މަރުވެފައި ވަނިކޮށް” ޤައުމީޓީމުން ހޯދި ކާމިޔާބެކެވެ.

އަހަރެއްފަހުން ޤައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގެ ހަމައެކަނި ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގެ ފުރަތަމަ ހާފްގައި، ސެންޓޭ މި ލަނޑު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕް) ނަގައިދިން ހިލޭ ޖެހުން ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. މި ގޯލަކީ ބަންގްލަދޭޝްގެ އޭރިއާ ބޭރުން އެ ޓީމުގެ ކުޅުންތެރިޔަކު ކުރި ފައުލަކަށް ރާއްޖެއަށް ލިބުނު ހިލޭ ޖެހުން ހަމްޒާ މުހައްމަދު ފޮނުވާލި ބޯޅަ ސެންޓޭ ބޮލުން ފޮނުވާލައިގެންވެ.

ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުން އިއްޔެ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ހޯދި މޮޅު ޚާއްޞަ ކޮށްފައިވަނީ ކުއްލިގޮތަކަށް ނިޔާވި ކުރީގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ގެ ހަނދާނަށެވެ.

ޖޫން މަހު މެނިންގޯކޮކަލް ބައްޔަށް ޕޮޒިޓިވްވެ ނިޔާވި ބަކާއަކީ ޤައުމީ ޓީމުގެ ކުރީގެ ވައިސް ކެޕްޓަނެވެ. އޭނާއާއެކު ކުޅެފައިވާ ގިނަ ކުޅުންތެރިން މިހާރުވެސް ޤައުމީ ޓީމުގައި ހިމެނެއެވެ.

އިއްޔެގެ މެޗަށްފަހު ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ބަކާގެ ހަނދާނަށް މެޗު ހާއްސަކުރާކަން ހާމަކޮށް ރަމްޒީ ފޮޓޯއެއް ވެސް ނަގާފައެވެ.

ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކުރަމް ޢަބްދުލް ޣަނީ ބުނެފައިވަނީ ފުޓްބޯޅައަށް އުނދަގޫ ވަގުތެއްގައި ބަކާ ވަކިވެގެން ދިއުމަކީ ކުޅުންތެރިންނަށް ވަކިން ބޮޑަށް ލިބުނު ދެރައެއް ކަމަށެވެ.

މިހާރު ކުރިއަށްދާ ފީފާ ވިންޑޯގައި، އަދި އެއް މެޗު ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެއިން ކުޅޭނެއެވެ. އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%