ދިވެހި ސަރުކާރުން ދަ ނޭޗަރ ކޮންސަރވަންސީ (ޓީއެންސީ) އާއެކު މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމާއި އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރީ އަޒަރުބައިޖާނުގެ ބާކޫގައި ބޭއްވުނު އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައްދަލުވުން ބައްދަލުވުން (ކޮޕް29) ގައި ކަމަށް މާލީ ވުޒާއިން ހާމަކުރިއެވެ.
މާލީ ވުޒާރާއިން ބުނީ، މި އިސްތިރާޖީ އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމާއި، ސަރުކާރުގެ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް މަގުފަހިކުރުން ކަމަށެވެ.
މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ. އަދި ޓީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ގްލޯބަލް ޑިރެކްޓަރ މިސް މެލިސާ ގާވީއެވެ.
މާލީ ވަޒީރު ޒަމީރު ވިދާޅުވީ މި ޕާޓްނަރޝިޕަކީ ދެމެހެއްޓެނިވި އަދި ފާގަތި މުސްތަޤްބަލަކާ ދިމާއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"ގުދުރަތާ ގުޅުންހުރި ޙައްލުތަކަށް ދެމެހެއްޓެނިވި ފައިނޭންސިންގ ހޯދުމަކީ އަޅުގަނޑުމެންގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް. ކާބަން ފައިނޭންސިންގ، ކޮންޒަވޭޝަން ޓްރަސްޓް ފަންޑުތައް، އަދި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކުގެ ފަދަ މާލީ ވަސީލަތްތައް ބޭނުންކޮށްގެން، އަޅުގަނޑުމެންގެ މަޤްޞަދަކީ އަޅުގަނޑުމެންގެ ޤުދުރަތީ ވެށި ރައްކާތެރިކުރުމާއެކު އިޤްތިޞާދު ކުރިއެރުވުން." ޒަމީރު ވިދާޅުވިއެވެ.
އެގޮތުން މާލީ ވުޒާރާއިން ބުނީ، މި ފަހުމުނާމާގެ ދަށުން ތަޢާރަފުކުރެވޭ ފައިނޭންސިންގ މެކޭނިޒަމްތަކުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ފައިސާ ލިބި، ރަށްރަށުގެ އިޤްތިޞާދު ކުރިއަރައި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ މެދުރާސްތާގެ މެކްރޯ-ފިސްކަލް ސްޓެބިލިޓީއާއި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެކަމަށް ވެސް ވުޒާރާއިން ބުންޏެެވެ.
ދިވެހިރާއްޖެއަކީ މުރަޖާނުގެ ފަރުތަކާއި، ސާފު ކަނޑާއި، މުއްސަނދި ކަނޑުގެ ދިރުންތަކަށް މަޝްހޫރު ޤައުމެކެވެ. ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ކަނޑުގެ ފެން ހޫނުވުމާއި، ގުދުރަތީ ކާރިސާތައް އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ރީތިކަމަށާއި، އިޤްތިޞާދުގެ މައިގަނޑު ތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ޞިނާޢަތަށް ވަނީ ނުރައްކާވެފައެވެ. މި ފަހުމުނާމާއަކީ މި ގޮންޖެހުންތަކާ ކުރިމަތިލުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ދަ ނޭޗަރ ކޮންސަރވަންސީ (ޓީއެންސީ) އަކީ 1951 ގައި އުފެދުނު، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ކުރިއަރާފައިވާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން 70 އަށްވުރެ ގިނަ ޤައުމުތަކުގައި ޤުދުރަތީ ވެށި ހިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާއި، ދެމެހެއްޓެނިވި ދިރިއުޅުމެއް ކަށަވަރުކުރުމަށް މަސައްކަތްކުރެއެވެ.