2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މާދަމާ ފެށުމަށް ނިންމައިފިއެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އެންމެ ފަހު ކަމަކަށް އޮތީ ބަޖެޓަށް ބަހުސް ކުރުމެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓްގައި ބޯހިޔާވަހިކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާތީ، ސަރުކާރުން މި ބަޖެޓަށް ކިޔަނީ "ގެދޮރުވެރިކަމުގެ ބަޖެޓް" އެވެ.
ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ، ބަޖެޓް ބަހުސްގައި ވާހަކަ ދެއްކުމަށް މަޖިލީހުގެ ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދިނުމަށެވެ.
މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ އަންނަ އަހަރު ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ހިމެނެއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ބަޖެޓުގައި ދައުލަތުގެ ދަރަނި އަދާކުރުމަށް 3.9 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތަކަށް 378 މިލިއަން ރުފިޔާއާއި، އަދި ސަރުކާރުން ލޯނު ދޫކުރުމަށް 3.2 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ.
ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދެ ބިލިއަން ރުފިޔާގެ ހައުސިންގ ލޯނު ދެވޭނެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ގެދޮރުވެރިކަމުގެ އައު ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށް 1.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"2025 ވަނަ އަހަރަށް ފާސްކުރަން ހުށަހަޅާ ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ޚާއްޞަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓް." މިނިސްޓަރ ވިދާޅުވިއެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ މި އަހަރުގެ ބަޖެޓަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި އަހަރު ބަޖެޓަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 55 ބިލިއަނަށް އަރާފައެވެ.