ލަކީ ޑްރޯއަކުން ސްކޮލަރޝިޕް ހާޞިލުކުރުމުގެ ފުރުޞަތު!

އަައިޝަތު ޒީނާ | 124 ދުވަސް ކުރިން - 18:19
މެލޭޝިޔާގެ ޒިއަމެން ޔުނިވާސިޓީ.
މެލޭޝިޔާގެ ޒިއަމެން ޔުނިވާސިޓީ.
ޚުލާސާ

މި ސްކޮލަރޝިޕްގައި، ކޯހުގެ ޓިއުޝަން ފީގެ %100 ހިމެނިފައިވީ ނަމަވެސް، ހުރުމާއި، ކެޔުން ބުއިން ފަދަ އެހެނިހެން ޚަރަދުތަކަށް ޒިންމާ ވާންޖެހޭނީ ދަރިވަރު އަމިއްލައަށް ކަމަށް ވުޒާރާއިން ބުނި.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން، އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސްގެ އެއްބާރުލުމާއެކު، 5 ދާއިރާއަކުން ސްކޮލަރޝިޕް ހާޞިލުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕަކީ "ދާލަން : ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2024" ގައި ބާއްވާ ލަކީ ޑްރޯ މެދުވެރިކޮށް ޙަވާލުކުރެވޭ ސްކޮލަރޝިޕެއް ކަމަށް މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ބުންޏެވެ.

ލަކީ ޑްރޯގެ ދަށުން، ގުރުއަތުން ހޮވޭ 5 ފަރާތަކަށް، މެލޭޝިޔާގެ ޒިއަމެން ޔުނިވާސިޓީގައި ބެޗްލަރސް އިން ޖަރނަލިޒަމް، ބެޗްލަރސް އިން އަރޓިފިޝަލް އިންޓެލިޖެންސް، ބެޗްލަރސް އިން މެރިން ބަޔޯޓެކްނޮލޮޖީ، ބެޗްލަރސް އިން ޑިޖިޓަލް މީޑިޔާ ޓެކްނޮލޮޖީ އަދި ބެޗްލަރސް އިން ސޮފްޓްވެއަރ އިންޖީނިއަރިންގ ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވުޒާރާއިން ބުނީ މި ސްކޮލަރޝިޕްގައި، ކޯހުގެ ޓިއުޝަން ފީގެ %100 ހިމެނިފައިވީ ނަމަވެސް، ހުރުމާއި، ކެޔުން ބުއިން ފަދަ އެހެނިހެން ޚަރަދުތަކަށް ޒިންމާ ވާންޖެހޭނީ ދަރިވަރު އަމިއްލައަށް ކަމަށެވެ. މީގެ އިތުރުން، ކިޔަވާ ކޯސް، ދާއިރާ ނުވަތަ ޤައުމު ބަދަލުކުރުން ފަދަ އެއްވެސް ބަދަލެއް މި ސްކޮލަޝިޕްގެ ދަށުން ނުގެނެވޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.

ލަކީ ޑްރޯއަށް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް:

  • މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި މަސައްކަތްކުރާ ފަރާތަކަށް ނުވުން.
  • ދިވެހި ރައްޔިތެއްކަމުގައިވުން.
  • ސްކޮލަރޝިޕަށް ހޮވޭ ތާރިޚުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ޒިއަމެން ޔުނިވާސިޓީ އިން ޕްލޭސްމަންޓް ހޯދައި ކިޔަވަން ފަށާ ތާރީޚުން ފެށިގެން 3 އަހަރު ތެރޭގައި ކޯސް ފުރިހަމަކުރުން.
  • މޯލްޑިވިސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކޯހުގައި ބައިވެރިވުމުގެ ފެންވަރު ހުރުން.
  • ލަކީ ޑްރޯގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް އެއް ސްކޮލަރޝިޕް ހާޞިލުކުރުމުގެ ފުރުޞަތު ލިބިގެންވުން (އެއް ފަރާތެއް އެއް ފަހަރަށްވުރެ ގިނަ ފަހަރު ހޮވިއްޖެނަމަ، ބަލައިގަނެވޭނީ ،ފުރަތަމަ ހޮވުން ފަހަރު އެކަނި).

މި ނޮވެންބަރު މަހުގެ 15 އަދި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ދާލަން : ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2024" ނިންމުމުގެ ރަސްމިއްޔާތުގައި މި ސްކޮލަޝިޕް ހާޞިލުކުރާ 5 ނަސީބުވެރިއެއްގެ ނަން އިޢުލާނުކުރެވިގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

މި އެކްސްޕޯގެ ޕާޓްނަރުންނަކީ ދިރާގު، ޕީއެސްއެމް، ޕެންޝަންސް އޮފީސް، ބޭންކް އޮފް މޯލްޑިވްސް، އެޗްޑީސީ، ވެމްކޯ، ސްޓެލްކޯ އަދި ކެފޭ ޑެލިޒިއޯސޯ އެވެ. އަދި މި އެކްސްޕޯގެ ސްޕޮންސަރުންނަކީ ސީގަލް ގްރޫޕް އާއި ވޮޔޭޖެސް މޯލްޑިވްސް އެވެ.

މި އެކްސްޕޯ ފަންޑްކޮށްދެނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އާއި، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ވޯލްޑް ބޭންކުގެ ޚަރަދުގައި ހިންގާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް) ޕްރޮޖެކްޓް އަދި މޯލްޑިވްސް: އެންހާންސިންގް އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%