ރާއްޖޭގެ 7 ރަށެއް އަރބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއް ފުއްދެވުމުގެ ގޮތުން އަޅުއްވާފައިވާ ފިޔަވަޅެކެވެ.
ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ވެސް އަރބަން ސެންޓަރެއް ތަރައްޤީ ކުރެއްވުން ކަމަށެވެ. މިގޮތުން ކަނޑައަޅުއްވާފައިވާ 7 ރަށަކީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މި އަރބަން ސެންޓަރުތަކުގައި ޞިއްޙީ، ތަޢުލީމީ އަދި އެހެނިހެން މުހިންމު ޚިދުމަތްތައް އެންމެ މަތީ ފެންވަރުގައި ޤާއިމުކުރެވޭނެ ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫޢެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން، ދުރުރާސްތާގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ފުދުންތެރިކަން އިތުރުކޮށް، ކުދި ރަށްތަކުގެ ރައްޔިތުންނަށްވެސް އަމިއްލަ އިޚްތިޔާރުގައި މި ސަރަޙައްދުތަކަށް ހިޖުރަކޮށް ދިރިއުޅެވޭނެ މަގު ފަހިވާނެ ކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ. އަދި މި މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ އަރބަން ޑިވެލޮޕްމަންޓްގެ ބިލް ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅުއްވާފައެވެ.