މުދައްރިސުންނަށް ވާން ބޭނުންވާ ދަރިވަރުންގެ ޢަދަދު އަންނަނީ އިތުރުވަމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފުތިތާހުކުރުމަށް އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ ލަފާފުލާއެކު، ޔުނިސެފްގެ އެހީތެރިކަމާއި، ޖީޕީއީގެ ފަންޑިންގ އާ އެކު 2024 ވަނަ އަހަރުގެ މާޗްމަހުން ފެށިގެން މިނިސްޓްރީއިން ކުރެވުނު މަސައްކަތުން، މުދައްރިސަކަށް ވުމުގެ ޝައުގުވެރިކަން ހުރި 130 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ފާހަގަކުރެވިފައެވެ. އަދި އަންނަ އަހަރު ހުޅުވާލެވޭ ފުރުޞަތުގައި މަދުވެގެން 150 ވަރަކަށް ދަރިވަރުން ބައިވެރިވާނެ ކަމުގެ އުންމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި މުދައްރިސްކަމަކީ ވަރަށް މާތް އަދި މުހިންމު މަސައްކަތެކެވެ. އަދި މުދައްރިސުންގެ އަގު ވަޒަންކުރެވި، މުދައްރިސުންނަކީ މުޖުތަމަޢުގެ ތެރޭގައި ގަދަރުވެރި، އަބުރުވެރި އަދި ޝަރަފުވެރި ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި ޓީޗިންގ ޕްރޮގްރަމްގައި ބައިވެރިވެފައިވާ ލޮބުވެތި ދަރިވަރުން ތިޔަ ފެއްޓެވީ ވަރަށް މުހިންމު، މާތް މަސައްކަތެއް. ތިޔަ ބައިވެރިވެވެނީ ޤައުމު ބިނާކުރުމުގެ މަސައްކަތުގައި. އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ ތިޔަ ގޮތުގައި ތިޔަ ދަރިވަރުން ގޮސް މުދައްރިސްކަމުގެ ސަނަދު ނަގާ، ޤައުމު ބިނާކުރުމުގެ މަސައްކަތް ފައްޓާތަން." މިނިސްޓަރ ވިދާޅުވިއެވެ.
މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވައި، ރައީސް މުޢިއްޒު ވަނީ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ލިޔުން ޙަވާލުކޮށްދެއްވާފައި. / ފޮޓޯ: ރައީސް އޮފީސް
އިއްޔެގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވައި، 135 ދަރިވަރުންނަށް ސްކޮލަރޝިޕްގެ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.
މި އިންޤިލާބީ މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރާ މުދައްރިސުންނަކީ ދިވެހިން ކަމުގައި ހެދުމެވެ.
މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ގްރޭޑް 11 ގައި އޭލެވެލްއަށް ކިޔަވަންފަށާ ދަރިވަރުންގެ ތެރެއިން މުދައްރިސަކަށްވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. މި ދަރިވަރުންނަށް އޭލެވެލްގެ ކިޔެވުމާއެކު، ޓީޗިންގ ފައުންޑޭޝަން ނިންމުމަށްފަހު ޓީޗިންގ ޑިގްރީ ޕްރޮގްރާމް ފެށުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް މަހަކު 1500 ރުފިޔާ ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ޕްރޮގްރާމަކީ ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ މާލީ އެހީއާއެކު "ތަޢުލީމަށް އިންޤިލާބީ ބަދަލު (ތައިބަ)" ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މަޝްރޫޢެކެވެ.