"ޑީސަންޓް ވޯރކް ކަންޓްރީ ޕްރޮގްރާމް": މަސައްކަތުގެ މާހަޢުލުގެ ޙައްޤުތައް ކަށަވަރު ވެގެންދާނެ: މިނިސްޓަރ މާރިޔާ

އަައިޝަތު ޒީނާ | 127 ދުވަސް ކުރިން - 15:08
"ޑީސަންޓް ވޯރކް ކަންޓްރީ ޕްރޮގްރާމް" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.
"ޑީސަންޓް ވޯރކް ކަންޓްރީ ޕްރޮގްރާމް" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ޚުލާސާ

ޤައުމީ ވަޒީފާއާ ގުޅޭ ސިޔާސަތުތަކާއި ލަނޑުދަނޑިތައް އެކުލަވާލައި ޙާޞިލުކުރުމަށް ބެނުންކުރާ މަގުޗާޓަކަށް މި ޕްރޮގްރާމް ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވި.

"ޑީސަންޓް ވޯރކް ކަންޓްރީ ޕްރޮގްރާމް" ގެ ސަބަބުން މަސައްކަތުގެ މާހަޢުލުގައި ލިބިދެވޭ ޙައްޤުތައް ކަށަވަރު ވެގެންދާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނާއި ދިވެހި ސަރުކާރާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޑީސަންޓް ވޯރކް ކަންޓްރީ ޕްރޮގްރާމް" ގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ވަޒީފާތައް އުފެދި، އަންއެމްޕްލޯއިމަންޓް ލެވެލް ދަށްވެ، މަސައްކަތުގެ މާހަޢުލުގައި ލިބިދެވޭ ޙައްޤުތައް ކަށަވަރު ކުރުމާއި، އިޖްތިމާޢީ ރައްކާތެރިކަން ކުރިއެރުވުމާއި، އިޖްތިމާޢީ ޑައިލޮގް ކުރިއެރުވުމަށް މަގުފަހިވާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ޤައުމީ ވަޒީފާއާ ގުޅޭ ސިޔާސަތުތަކާއި ލަނޑުދަނޑިތައް އެކުލަވާލައި ޙާޞިލުކުރުމަށް ބެނުންކުރާ މަގުޗާޓަކަށް މި ޕްރޮގްރާމް ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވި އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނާއި މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުގެ ސަބަބުން، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޖަމްޢިއްޔާތައް ތަމްސީލުކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ޓްރައިޕާޓައިޓް ލޭބަރ އެޑްވައިޒަރީ ކޮމިޓީތަކުން ސޯޝަލް ޑައިލޮގް ކުރިއަރުވައިދެއްވަން މަސައްކަތްތައް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި "ޑީސަންޓް ވޯރކް ކަންޓްރީ ޕްރޮގްރާމް"ގެ ތަފްޞީލީ ޕްލޭން ވަނީ ޙިއްސާކޮށްފައެވެ. އަދި އޭގެ ދަށުން އުފެދޭ ޓްރައިޕާޓައިޓް ކޮމިޓީތަކުގެ މަޢުލޫމާތާއި، މި ޕްރޮގްރާމްގެ ސަބަބުން ޙާޞިލުވާނެ ލަނޑުދަނޑިތަކާ ބެހޭ މަޢުލޫމާތު ވެސް ވަނީ ފޯރުކޮށްދީފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%