ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލަ އެ ކޯޓުގައި ތާވަލުކޮށްފިއެވެ.
މި މައްސަލައިގެ އަޑުއެހުން މި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މައްސަލައަކީ ވ. އާރަށުގެ މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޤަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ ގުޅޭ މައްސަލައެކެވެ. ހައި ކޯޓުން މި ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް އަންގާފައިވާއިރު، އަލުން ބަލާއިރު ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވެއެވެ.
ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ޔާމީންގެ މައްސަލަ އަލުން ބެލުމުގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އަޑުއެހުން ތާވަލުކޮށްފައެވެ.