ބޭރު ގައުމުތަކުން ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތައް ހޭންޑްލް ކުރުމާއި ބޭރުގެ އެއާލައިންތަކަށް ދޭ ބައެއް ޚިދުމަތްތަކުން ލިބޭ ފައިދާ ދިވެހި ކުންފުނިތަކަށް ލިބޭކަން ކަށަވަރުކުރުމަށް އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ޖެޓް ހޭންޑްލިން ޚިދުމަތްތައް ދިނުމަށް ދިވެހި ކުންފުނިތައް ރަޖިސްޓްރީކޮށްފައި ހުރި ނަމަވެސް، އެ ޚިދުމަތުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ދަނީ ރާއްޖެއިން ބޭރަށް ކަމަށެވެ. އަދި ދިވެއްސެއްގެ ނަމުގައި ކުންފުންޏެއް ރަޖިސްޓަރީ ކުރުމަށްފަހު ފޮރުވިގެން ތިބޭ ބޭރުގެ ވިޔަފާރިތަކަށް މުޅި ވިޔަފާރީގެ މަންފާ ލިބޭނެ ގޮތަށް ކަންކަން އިންތިޒާމު ނުކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
"ދިވެހި ކުންފުންޏެއް ހަދާފައި އިންވޯލްވްމެންޓެއް ނެތި ބޭރުގެ ކުންފުންޏަކަށް ހުރިހާ މަންފާއެއް ލިބޭ ގޮތަށް އިންތިޒާމުކޮށްގެން ހިންގާ ވިޔަފާރިއަށް އަޅުގަނޑުމެން ބަދަލުތަކެއް ގެންނާނަން. ގެނައިމާ އަޅުގަނޑުމެން ދިވެހިފަސްގަނޑުން ލިބޭ މި މަންފާ ދިވެހިންނަށް ދިވެހި ކުންފުނިތަކަށް ލިބޭނީ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މިފަދަ ޚިދުމަތްތަކުގެ ތެރެއިން ބޭރު ފަރާތްތަކުން މަންފާ ހޯދަމުންދާކަން ދެނެގަތުމަށްޓަކައި އެ ޚިދުތްދޭ ކުންފުނިތައް އޮޑިޓުކޮށް، އެ ޚިދުމަތް ދޭ ކުންފުނިތައް މޮނިޓާކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގައި، ރާއްޖޭގައި ހިނގާ އިޤްތިސާދީ ހަރަކާތަކުން އުފަންކުރާ މަންފާއަކީ އޭގެ ފުރިހަމަ ގޮތުގައި ދިވެހި ކުންފުނިތަކާއި ވިޔަފާރިތަކަށް ލިބެންޖެހޭ މަންފާއެއް ކަމުގައި ޤަބޫލުފުޅުކުރައްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، އެ ޚިދުމަތްތައް ދީގެން އެ ލިބޭ މަންފާ ހޯދާ ކުންފުނިތަކަކީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް ވުމަށް ސަރުކާރުން ބޭނުންވާ ކަމަށާއި، އެ އަމާޒު ހާސިލުކުރުމަށް އެ ޚިދުމަތާ ގުޅޭ އުސޫލުތަކަށާއި ޤަވާޢިދުތަކަށް އިސްލާހުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ އަހަރު ފެށޭއިރަށް އެ ބަދަލުތައް ގެންނަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.