ޓެކްސީ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަނީ ޑްރައިވަރުންނަށް ގެއްލުމެއް ނުވާނެ ގޮތަށް: ވަޒީރު އަމީން

އާނާ ފަހީމް | 175 ދުވަސް ކުރިން - 5 ނޮވެންބަރު 2024 21:43
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އަމީން ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އަމީން ވާހަކަފުޅުދައްކަވަނީ
ޚުލާސާ

ޓެކްސީ ޚިދުމަތުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، މިކަމުގައި ޑްރައިވަރުންގެ ޢާމްދަނީއަށް އަސަރެއް ނުކުރާނެ ކަމުގެ ޔަޤީންކަން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ދެއްވައިފި.

މާލެ އާއި ހުޅުމާލެއާ ދެމެދު ޓެކްސީގެ ޚިދުމަތް ރަނގަޅުކުރުމަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން ޑްރައިވަރުންނަށް ގެއްލުމެއް ނުވާނެ ކަމަށް ޓްރާންސްޕޯޓް ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން އަދި ވަކި ޓެކްސީ ލައިނެއް އުފެއްދުމަށް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް، ޓެކްސީގެ ޚިދުމަތުގައި ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވިގޮތުގައި، ބޭނުންވާ ގަޑިތަކުގައި ޓެކްސީ ނުލިބުމާއި މާލޭގެ ވަކި ސަރަޙައްދުތަކަށް ޓެކްސީ ދަތުރުތައް ނުލިބުމަކީ މިހާރު ދިމާވެފައިވާ މައްސަލަތަކެވެ. މި މައްސަލަތައް ޙައްލުކުރުމަށް ދެތިންހަތަރު ގޮތަކަށް މަސައްކަތް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނާ ބައްދަލުކޮށް، ޑްރައިވަރުންނަށް ގެއްލުމެއް ވާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ޓެކްސީ ކުރުމަކީ ޢާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއް ކަމަށާއި، ޑްރައިވަރުންގެ ޢާމްދަނީއަށް ގެއްލުން ނުވާނެ ގޮތަށް މި ނިޒާމު ބައްޓަންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީރު އަމީން އިތުރަށް ވިދާޅުވީ، ޓެކްސީގެ އަގުތަކަށް ބަދަލު ގެނައުމަކީ މިވަގުތު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އަގުތަކަށް ބަދަލު ނުގެނެސް ޓެކްސީ ޚިދުމަތުގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށެވެ. އަދި މާލޭ ސަރަޙައްދުގެ އާބާދީއާއި އަޅާބަލާއިރު މިހާރު ހުރި ވަޞީލަތްތައް އެކަށީގެންނުވާ ކަމަށާއި، އެހެންކަމުން ޚިދުމަތުގެ ފްލީޓަށް ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު ޓެކްސީ ކުރާ ބޭފުޅުންނަށް އެއްވެސް ލޮޅުމެއް ނާންނާނެ،" ވަޒީރު އަމީން ވިދާޅުވިއެވެ.

މި މައްސަލަ ސިޔާސީކުރާ ކަމާއިމެދު ވަޒީރު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. އެހެންނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލި "މާލެ ފެހި" ޕްރޮގްރާމްގައި ސަރުކާރުން ޓެކްސީގެ ވިޔަފާރީގެ ތެރެއަށް ވަނުމަށް "ޓެކްސީ ލައިނެއް" ހެދުމަށް ހިމެނުމާއި ގުޅިގެން، މިދިޔަ ޖުލައި މަހު ޑްރައިވަރުންގެ ޖަމްޢިއްޔާއިން ވަނީ އެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ވަޒީރު އަމީން ވިދާޅުވެފައިވަނީ، މި ދާއިރާގެ ތެރެއަށް ސަރުކާރުން ވަދެ، އުޞޫލުތަކާއި ޤާނޫނުތަކެއް ހަދައިގެން ކޮންޓްރޯލް ނަގަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފި ނަމަ ވެހިކަލްތަކުން މާލެ "ބަންޑުންވާ" ހިސާބަށް ދާނެ ކަމަށާއި މިހާރު ވެސް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%