މާލޭގައި ސެންޓަރ ފޯރ ހަޔަރ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހުޅުވުމުން ބެލެނިވެރިންނާއި ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިގެން ގޮއްސިކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މާލޭގައި ސީއެޗްއެސްއީ ހުޅުވުމަކީ ވަރަށް ގިނަ ބެލެނިވެރިންނާއި ދަރިވަރުންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މުހިންމު ނިންމެވުމެއް ކަމަށެވެ.
މާލޭގައި ސީއެޗްއެސްއީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ދަރިވަރުންނާ ވީހާވެސް ގާތުން ތަޢުލީމު ފޯރުކޮށްދިނުން ކަމަށެވެ. އަދި ސީއެސްއެސްއީ ހުޅުމާލެއަށް ބަދަލުކޮށް ކިޔަވައިދޭން ފެށުމުން ގިނަ ބެލެނިވެރިންނާއި ދަރިވަރުންގެ ކަންބޮޑުވުންތަކާއި ގުޅިފައިވާ އެތައް ސިޓީއެއް ލިބިވަޑައިގަތްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ވާރޭވެހި ބްރިޖްގައި ދަތުރުކުރުން ދަތިވާ ދުވަސްތަކުގައި ހުޅުމާލެއަށް ދަތުރުކުރަން ޖެހުމުން ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވޭ. މި ކަންބޮޑުވުންތަކާއި ގުޅިގެން ސީއެސްއެޗްސީގެ ދަރިވަރުންނަށް މާލޭގައި ތިބެގެން ތަޢުލީމު ޙާސިލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މުހިއްމު ނިންމެވުމެއް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ސީއެޗްއެސްއީއަކީ މުހިއްމު ބިނާއެއްކަމަށެވެ. އަދި އަލަށް ގެނެވުނު ބަދަލާއެކު ގިނަ ދަރިވަރުންނަށް ފުރުސަތުތަކެއް ފަހިވެގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ވަކި ކްރައިޓީރިއާއެއް ހަދައިގެން ވަކި ކުދިންތަކެއް ބާކީ ކުރުމުގެ މުސްކުޅި ވިސްނުން ދޫކޮށްލަންޖެހޭ. ސަރުކާރުން އޭލެވެލްގެ ފުރުސަތު އިތުރު ކުދިންނަށް ފަހިކޮށްދިނުމަށް ފެއްޓެވި މަސައްކަތާއެކު 800 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ލިބިގެންދިޔަ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އޯލެވެލް ނިންމާ ދަރިވަރުންނަށް އިތުރު ގޮތްތައް ފަހިކުރުމަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. މިކަމުގެ ސަބަބުން ކުދިން މަގުމަތިވުމުން ދުރުވެގެންދާނެކަމަށާއި، ކޮންމެ ކުއްޖަކީވެސް ޤައުމު ބިނާކުރުމުގައި ބައިވެރިވާ ކުއްޖަކަށް ވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.