1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައި ރާއްޖެއަށް ލިބުނު ނަސްރަކީ ﷲ ގެ ހަޟްރަތުން ލިބުނު މަތިވެރި ނަސްރެއްކަމުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އެ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ހާލަތުގައި ދިވެހިން ދެއްކެވި އެއްބައިވަންތަކަމަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ.
"ރާއްޖެއަށް ހަމަލާދިން ދުޝްމިނުންނަށް ދިވެހިންގެ ކިބައިން އެއްވެސް އެހީތެރިކަމެއް އެދުވަހު ނުލިބުނު. އެންމެ ކުޑަވެގެން ހޫނު ދުވަހެއްގައި ބޯލާނެ ފެންތައްޓެއްހާ ހިސާބުވެސް." ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މައުމޫން ފާހަގަކުރެއްވި ގޮތުގައި، ޤައުމުގެ މިނިވަންކަމާއި ޢިއްޒަތާއި ޝަރަފަށްޓަކައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ކެރުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ފުނަށް ބިންވަޅު ނެގިފައިވާ ހަޤީޤަތެއްކަން އެދުވަހު ހާމަވެގެން ދިޔައެވެ.
1988 ވަނަ އަހަރު ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ހަމަލާދިނީ ދިވެހިންގެ ބަޔަކާއި ގުޅިގެން ބޭރުގެ ކުލީ ސިފައިންގެ ބައެކެވެ. އެ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ.