2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި މިހާރު ހިނގަމުންދާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތައް އަވަހަށް ނިންމުމަށް ޚާއްސަ އިސްކަމެއް ދީފައިވާކަމަށް މާލީ ވަޒީރުގެ ނައިބު އަޙުމަދު ސާއިދު މުޞްތަފާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސާއިދު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ހިނގަމުންދާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 3.8 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ. މިއީ މިހާރު ހިނގަމުންދާ މަޝްރޫޢުތައް އަވަހަށް ނިންމުމަށާއި، މަޝްރޫޢުތައް އަލުން އިސްކަންދޭ ތަރުތީބުން ބަހައިލައި ރޭވުމަށް ކަނޑައަޅާފައިވާ ފައިސާ ކަމަށް އޭނާ ވިދާޅުވިއެވެ.
2024 ވަނަ އަހަރަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޖުމުލަ 12.4 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މިއީ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަދެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތައް ތަފްސީލީ ލެވެލްގައި ހިމެނުމުގެ ބަދަލުގައި އެންވެލޮޕްތަކެއް މެނޭޖްކުރުމުގެ ތެރެއިން މަޝްރޫޢުތައް ތަންފީޒުކުރެވިގެންދާނެ ކަމަށްވެސް ސާއިދު ވިދާޅުވިއެވެ.