2025 ވަނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ރަހުމަތްތެރި ޤައުމުތަކުން ލިބޭނެކަމަށް ލަފާކުރާ ހިލޭ އެހީގެ 72 ޕަސެންޓަކީ އިންޑިއާއިން ލިބޭ އެހީކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ހުށަހެޅުއްވި ބަޖެޓުގައި ފާހަގަ ކޮށްފިއެވެ..
ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ރަހުމަތްތެރި ޤައުމުތަކުން ޖުމުލަ 2.25 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާ ކަމަށެވެ. އޭގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ލިބޭނީ އިންޑިއާއިންނެވެ.
އިންޑިއާއިން ލިބޭނެ ކަމަށް ލަފާކުރާ ފައިސާގެ ތެރޭގައި ތިލަމާލެ ބްރިޖު އެޅުމަށް ދޭނެ ކަމަށް ބުނެފައިވާ 105 މިލިއަން ޑޮލަރު ހިމެނެއެވެ. ޗައިނާއިން ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 502 މިލިއަން ރުފިޔާ އެވެ. އެއީ ޖުމުލަ ހިލޭ އެހީގެ 22 ޕަސެންޓެވެ.
މީގެ އިތުރުން، ޖަޕާން، ޕާކިސްތާން، ސައުދީ އަރަބިއްޔާ، ނެދަލޭންޑްސް، އިޓަލީ އަދި ޔޫއޭއީން ވެސް ހިލޭ އެހީ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ. އެކި ޖަމިއްޔާ ޖަމާއަތްތަކުން 336 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދުތަކަކީ އެ ގައުމުތަކާ އެކު މިހާރު ކުރެވިފައިވާ މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް އަންދާޒާކޮށްފައިވާ އަދަދުތަކެއް ކަމަށެވެ.
މި އަހަރު ވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު ދައްކަން ޖެހުނު 50 މިލިއަން ޑޮލަރުގެ ލޯނު ރޯލްއޯވަރ ކޮށްދިނުމާއި، 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސްގެ ސްވޮޕް އެގްރީމެންޓެއް ހެދުން ހިމެނެއެވެ.