ގުޅީފަޅުން ގޯތި ލިބޭ މީހުންގެ ގުރުއަތު ނެގުން މާދަމާ ހެނދުނު ބޭއްވުމަށް ނިންމައިފައެވެ. މި ގުރުއަތު ނެގުން ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެއެވެ.
"ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން" އަށް އައި ބަދަލާަދަލާ ގުޅިގެން، ކުރިން ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާތީ، މި ގުރުއަތު ނެގުން ބާއްވަނީ އެ ބަދަލާ ގުޅިގެންނެވެ. މީގެ އިތުރުން، ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލު ކުރުމަށް އެދުނު ފަރާތްތަކުގެ މެދުގައިވެސް މި ގުރުއަތު ނެގުން ކުރިއަށްދާނެއެވެ.
ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން
- 1250 އަކަފޫޓުގެ 669 ގޯތި
- 1650 އަކަފޫޓުގެ 1234 ގޯތި
- 2050 އަކަފޫޓުގެ 916 ގޯތި
- 2450 އަކަފޫޓުގެ 473 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 21 ގޯތި
ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ ވުޒާރާއިން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުން، އެކަމަށް ކަނޑައަޅާފައިވާ މުވައްޒަފުންނެވެ.
ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމަކާއި އައިޑީކާޑުގެ ކޮޕީއަކާއެކު ހާޒިރުވުމަށް އެ ވުޒާރާއިން އަންގަވާފައިވެއެވެ.