އެއް އަހަރު ދުވަހުގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ނިންމަވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން ޢިއުލާން ކުރައްވާފައެވެ. މީގެ ތެރޭގައި މުސާރައާއި ގުޅޭ ގޮތުން ދެ އަހަރު ދުވަހުގެ މުއްދަތަށް ފިޔަވަޅުތައް އެޅުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ފަލާހު ވިދާޅުވީ މި ނިންމުން ނިންމަވާފައިވަނީ ރައީސް މުޢިއްޒު ޤައުމުގެ އިޤްތިސާދީ ޙާލަތު ރަނގަޅުކޮށް އާމްދަނީ އިތުރުކޮށް ޚަރަދުތައް ކުޑަކުރުމަށް އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. މިގޮތުން ނޮވެމްބަރު 1 އިން ފެށިގެން އެއް އަހަރު ދުވަހަށް މުސާރައިން 10 އިންސައްތަ އުނިކުރުމަށް ނިންމަވާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.
ރައީސް އަޅުއްވަން ނިންމެވި ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރުން ހިމެނެއެވެ. އަދި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމާއި، ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން ވެސް ހިމެނެއެވެ.
ނަމަވެސް، މި ފިޔަވަޅުތައް އެޅުމުގައި 12,000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.