ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ މައުމޫން ފައުންޑޭޝަނުން ތައްޔާރުކޮށްފައިވާ 8 ބާވަތެއްގެ 340 ފޮތް ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އަށް ހަދިޔާކޮށްފިއެވެ. މި ފޮތްތައް ހަދިޔާކޮށްދެއްވީ އިސްލާމީ ޔުނިވާރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި އެ ފައުންޑޭޝަންގެ ޗެއަރމަން، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ފައުންޑޭޝަނުން ތައްޔާރުކޮށްފައިވާ ޢިލްމީ ފޮތްތައް ޔުނިވަރސިޓީއަށް ހަދިޔާ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ފައުންޑޭޝަނުން ހިންގާފައިވާ ބައެއް މަސައްކަތްތަކުގެ ތަފްޞީލު ވެސް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
ހަދިޔާކުރެވުނު ފޮތްތަކުގެ ތެރޭގައި ރައީސް މައުމޫން ލިޔުއްވާފައިވާ "އުޞޫލުލްފިޤްޙް" ހިމެނޭކަން ފާހަގަކޮށްލެވެއެވެ. މި ފޮތަކީ ޔުނިވަރސިޓީގައި ރަސްމީކޮށް ބޭނުންކުރާ ޓެކްސްޓް ފޮތެކެވެ.
އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، ރައީސް މައުމޫންއަކީ ރާއްޖޭގައި އިސްލާމީ އަދި ޢަރަބި ތަޢުލީމު ފެތުރުއްވުމަށް ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި މި ފޮތްތަކުގެ ސަބަބުން ޔުނިވަރސިޓީގެ ލައިބްރަރީއަށް އިތުރު ފުރިހަމަކަމެއް އަންނާނެކަމަށް ވެސް ވިދާޅުވިއެވެ.
މައުމޫން ފައުންޑޭޝަނަކީ 2010 ވަނަ އަހަރު ރައީސް މައުމޫން އުފެއްދެވި، އިސްލާމްދީނާއި ތަޢުލީމު، ޞިއްޙަތު، އިޖްތިމާޢީ ދުޅަހެޔޮކަން އަދި ތިމާވެށީގެ ރައްކާތެރިކަން ފަދަ ދާއިރާތަކުން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.