ބޭހުގެ އަގު ކޮންޓްރޯލްކޮށް، ވަކި އިންތިޒާމެއްގެ ދަށުން ރާއްޖެއަށް ބޭސް އެތެރެކުރުމަށް މިހާރު ފަށާފައިވާ މަސައްކަތުގެ ފައިދާ އަންނަ އަހަރުން ފެށިގެން ފެންނާނެކަމަށް މާލީ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުޞްޠަފާ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއެއްގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސާއިދު ވިދާޅުވީ، އާސަންދައިން ހިންގަމުންދިޔަ ބޮޑެތި އިސްރާފުގެ ޚަރަދުތައް ކުޑަކުރޑަކުރުމަށް ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށެވެ.
"ރައްޔިތުންނަށް ލިބޭ ބޭހުގެ ކޮލިޓީއާއި، ލިބޭ މިންވަރަށް ބަދަލު އައުމާނުލައި ވަރަށް ބޮޑެތި ފައިދާގައި، އެތައް ފަރާތެއް ގަނެ ވިއްކައިގެން ސަރުކާރާއި ހަމައަށް ރައްޔިތުންނާއި ހަމައަށް، ފޯރުކޮށްދޭން މިއަންނަނީ، އެކަންތަކަށް މިވަނީ އެޓެންޑްވެވިފައި. މިކަންކަން އަދި ޖެހިގެން އަންނަ އަހަރު 2025ވަނަ އަހަރު ފުލި އޮޕަރޭޝަނަލައިޒްވުމާއެކު އާސަންދައަށްކުރާ ހޭދަ، އެގެ ނަތީޖާ ނޭދެވޭ އަސަރުކުރުމާ ނުލާއި ކުޑަކުރެވިގެންދާނެ." ސާއިދު ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި ބޭސް ވިއްކަމުން އައީ 200 އިންސައްތައިން ފެށިގެން 2000 އިންސައްތައާ ދެމެދުގެ ފައިދާއެއް ނަގަމުންކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިކަން ބަދަލުކުރުމަށްޓަކައި، ބަލްކް ޕްރޮކިއުމަންޓްގެ އުސޫލުން ޕޫލްކޮށްގެން ބޭސް އެތެރެކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
މިގޮތުން އެކި މަރުޙަލާތަކަކަށް ބަހާލައިގެން ބޭސްތައް އެތެރެކޮށް ދައުރުކުރުމަށް ހަމަޖެހިފައިވާއިރު، މިއަހަރު 7 ބާވަތެއްގެ ބޭސް ދައުރުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި އައު އިންތިޒާމުގެ ސަބަބުން ބޭހުގެ އަގު ކުޑަވެ، ރައްޔިތުންނަށް ލުޔެއް ލިބޭނެކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ. އަދި މިކަމުގެ ނަތީޖާ އަންނަ އަހަރުން ފެށިގެން ފެންނަން ފަށާނެކަމަށް ސަރުކާރުން ބުންޏެވެ.