ފްލެޓާއި ގޯތި ހައްގުވެރިންނަށް ލިބޭނެ، ރައީސް "އަތް ނުބާނާނެ": ފަލާހް

އައިޝަތު ރުވާ ރިފްޢަތު | 151 ދުވަސް ކުރިން - 11:38
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޚުލާސާ

ފްލެޓްތައް މަޖިލިސް މެންބަރުންނަށް ބަހާލެވޭ ކަމަށް ދެކެވޭ ވާހަކަތަކަކީ މިއަހަރުގެ އެންމެ ބޮޑު ދޮގު ކަމަށާއި، ރައީސް ޑރ. މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން ގޯއްޗާއި ފްލެޓް އޭގެ ޙައްޤުވެރިންނާއި ޙަވާލުކުރައްވާނެ ކަމަށް ފަލާހް ހާމާކުރެއްވި.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރި ފްލެޓުތަކާއި ގޯތިތައް އޭގެ ހައްގުވެރިންނާއި ހަވާލު ކުރާނެ ކަމަށާއި، އެކަމުގެ ތެރެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަތް ނުބާނާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފްލެޓްތައް މަޖިލީސް މެންބަރުންނަށް ބަހާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވިދާޅުވީ، މިއީ މިއަހަރުގެ އެންމެ ބޮޑު ދޮގު ދޮގު ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒު އެއްގޮތަކަށްވެސް ގޯއްޗާއި ފްލެޓަށް "އަތް ނުބާނާނެ" ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް ގޯއްޗާއި ފްލެޓް އޭގެ ހައްގުވެރިންނާއި ހަވާލު ކުރައްވާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.

"ޕީއެންސީގެ އެއްވެސް މަޖިލީސް މެންބަރުވެސް ގޯހެއް ނުހައްދަވާނެ،" ފަލާހް ވިދާޅުވެފައި ވެއެވެ.

ކުރީގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވިއިރު، ޖުމްލަ 9،003 ގޯތި ދޫކުރަން ނިންމާފައިވެއެވެ. އެ ގޯތިތައް ދޭން ކަނޑައެޅީ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4،000 ފްލެޓް ތަރައްގީ ކުރަމުން އަންނައިރު، އެ ފްލެޓު ލިބޭ މީހުންގެ ލިސްޓެއް ކުރީގެ ސަރުކާރުން ނެރުނެވެ.

ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގު ކުރަން ފަށައި، ފްލެޓު ދިނުން މަޑު ޖައްސާލަން އޭރުގެ ހައުސިން މިނިސްޓްރީއަށް އަމުރު ވެސް ކުރިއެވެ. މިހާރުގެ ސަރުކާރުން ބުނެފައިވަނީ އެ ފްލެޓް އޭގެ ހައްގުވެރިންނަށް ލިބޭ ގޮތަށް އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ލިސްޓް އިއުލާން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%