ތައުލީމީ ވުޒާރާގެ އާ ވެބްސައިޓް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އިފުތިތާހު ކޮށްދެއްވައިފިއެވެ.
މި ވެބްސައިޓަކީ މިނިސްޓްރީ އިން 2012 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި ކުރީގެ ވެބްސައިޓް ރީޑިޒައިންކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ވެބްސައިޓެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ވެބްސައިޓް މެދުވެރިކޮށް، މިނިސްޓްރީއިން ދެމުންގެންދާ ޚިދުމަތްތަކުގެ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދެވި، އޮންލައިން މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން ސްކޫލުތަކާ ގުޅޭ ގިނަ މަޢުލޫމާތާއި ތަފާސްހިސާބު މި ވެބްސައިޓްގައި ހިމަނާފައިވާނެ ކަމަށް ވުޒާރާއިން ބުންޏެވެ.
މި ވެބްސައިޓް އިފުތިތާހުކުރުމަށް މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ވެބްސައިޓަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ. އެގޮތުން، މިނިސްޓްރީގެ ތާރީހް އަދި ކުރިން ވަޒީރުކަން ކުރެއްވި ބޭފުޅުންގެ މަޢުލޫމާތު މި ވެބްސައިޓުން ފެންނަން ހުންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ސްކޫލްތަކުގެ މަޢުލޫމާތު ހިމެނޭހެން ކޮންމެ ސްކޫލަކަށް ޚާއްސަ ވެބް ޕޭޖެއް ވަނީ ފަރުމާކޮށްފައެވެ. މި ޕޭޖުގައި ސްކޫލުތައް އުފެދިގެން އައިގޮތާއި އެ ސްކޫލުތަކުގެ ތާރީހުގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންގެ ޢަދަދު ފަދަ މަޢުލޫމާތުތައް ވަނީ ހިމަނާފައެވެ. މިއާއެކު މި ވެބްސައިޓުން ތައުލީމީ ދާއިރާގެ މުހިންމު ބައެއް ތަފާސް ހިސާބުތަކާއި، ވުޒާރާގެ މުހިންމު ޚަބަރުތައް ފެންނަން ހުންނާނެ ކަަމަށް ވުޒާރާއިން ބުންޏެވެ.
ވަޒީރު ފާހަގަކުރެއްވިގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ވެބްސައިޓް އިތުރަށް ތަރައްޤީކޮށް، މަޢުލޫމާތު މުއްސަނދި ވެބްސައިޓަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ސްކޫލުތަކުން ހިންގާ ޙަރަކާތްތައް މި ވެބްސައިޓް މެދުވެރިކޮށް ފެންނަން ހުންނާނެ ގޮތް ހެދުމަކީވެސް ވުޒާރާގެ އަމާޒެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.