މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ: ޑރ. ޝަފީޢު

އާނާ ފަހީމް | 158 ދުވަސް ކުރިން - 11:52
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ޖަލްސާގައި ވަޒީރު ޑރ. ޝަފީޢު ވާހަކަދައްކަވަނީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ޖަލްސާގައި ވަޒީރު ޑރ. ޝަފީޢު ވާހަކަދައްކަވަނީ
ޚުލާސާ

މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވި.

މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު މުދައްރިސުންގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން އިސްނަގައިގެން ބޭއްވި މި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ މުދައްރިސުންނާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އޭގެ ތެރޭގައި މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި މަސައްކަތްކުރާ 80 އިންސައްތަ މުދައްރިސުންނަކީ އަންހެން މުދައްރިސުން. އެމީހުން ބުރަ މަސައްކަތް ކުރުމަށްފަހު ގެއަށް އައިސް، ގެވެހި ކަންކަން ކުރަންޖެހެނީވެސް އެމީހުންނަށް. އޭގެ ސަބަބުން އިތުރު ބުރައެއް އެމީހުން އުފުލަން އެ ޖެހެނީ." ވަޒީރު ވިދާޅުވިއެވެ.

މުދައްރިސުންނާބެހޭ ޤާނޫނުގައި މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމާބެހޭ އެއްވެސް ބައެއް ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ހުކުރު ދުވަހަކީ މުދައްރިސުން މަސައްކަތް ނުކުރާ ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވުމަކީ މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން، މުދައްރިސުންނަށް ފަހި މަސައްކަތު މާޙައުލެއް ޤާއިމްކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މުދައްރިސުންގެ ޤާބިލްކަން އިތުރުކުރުމަށާއި ތަމްރީންކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ހަރުދަނާކޮށް މުދައްރިސުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގައި މުދައްރިސްކަން ކިޔަވާ ދަރިވަރުންގެ ޢަދަދު އިތުރުކުރުމަށްޓަކައި، މުދައްރިސުން ތަމްރީންކުރުމުގެ ޕްރޮގްރާމަށް ބޭނުންވާ ދަރިވަރުން ހޯދުމުގެ މަސައްކަތް މިހާރު ތަޢުލީމީ ވުޒާރާއިން ވަނީ ފައްޓާފައެވެ. މިގޮތުން މިހާތަނަށް 130 ދަރިވަރުން މުދައްރިސްކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ތަޢުލީމީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%