އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މި މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް މާލީ ވުޒާރާއިން މިއަދު އިޢުލާނުކޮށްފިއެވެ.
މާލީ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި މަސައްކަތް ކުރެވެމުންދަނީ ދައުލަތުގެ އެކިއެކި ވުޒާރާތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިގެންނެވެ.
ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އަހަރު ނިމުމުގެ ދެ މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ.
މާލީ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތުގެ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ އަޕްޑޭޓުތައް ބަލައި، އެކަންކަން ފައިނަލްކުރުމުގެ މަސައްކަތްތަކާއި، އަލަށް ހިންގާނެ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިމެނޭނެއެވެ. ނަމަވެސް، އަންނަ އަހަރަށް ހުށަހަޅާނެ ބަޖެޓުގެ ޖުމްލަ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.
މި އަހަރަށް ދައުލަތުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ކުރީގެ ސަރުކާރުން އެކުލަވާލި ބަޖެޓެކެވެ. މި ބަޖެޓުގައި ތަރައްޤީގެ މަޝްރޫޢުތަކަށް އެކަށީގެންވާ މިންވަރަށް ފައިސާ ހިމަނާފައި ނުވާކަން މިހާރުގެ ސަރުކާރުން ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް، އަންނަ އަހަރުުގެ ބަޖެޓުގައި މަޝްރޫޢުތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ މިންވަރަށް ފައިސާ ހިމަނާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.