މަތީ ތަޢުލީމު އުނގެނޭ ދަރިވަރުންގެ ނިސްބަތް އިތުރުވަމުން އަންނަކަމަށާއި، މިކަމުގެ ސަބަބުން ޤައުމީ އުފެއްދުންތެރިކަމަށް ބޭނުންވާ ޒުވާނުންގެ އައު ޖީލެއް އުފެދިގެން އަންނާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ބޭއްވުނު މުދައްރިސުންގެ ބައިނަލްއަޤްވާމީ 7 ވަނަ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ތަޢުލީމީ ދާއިރާ ހަރުދަނާކޮށް، މަތީ ތަޢުލީމަށް ވަންނަ ކުދިންގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަމަށް ފާހަގަކުރެއްވިއެވެ. މިގޮތުން، ކުރީ އަހަރަށްވުރެ މިއަހަރު އޭލެވެލަށް ކިޔަވަން ފެށި ދަރިވަރުންގެ ނިސްބަތް 70 އިންސައްތައަށްވުރެ އިތުރުވެފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ޔުނިވަރސިޓީތަކަށް ވަންނަ ދަރިވަރުންގެ ޢަދަދު އިތުރުވެ، މުޅި ތަޢުލީމީ ނިޒާމު ހަރުދަނާވުން. އަދި ޤައުމީ އުފެއްދުންތެރިކަމަށް ބޭނުންވާ ޒުވާނުންގެ އައު ޖީލެއް ޔުނިވަރސިޓީތަކުގެ ތެރެއިން ނުކުމެގެން އައުން،" ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް، ތަޢުލީމީ ދާއިރާގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތަކަށްވެސް ވަޒީރު އަލިއަޅުވާލެއްވިއެވެ. އެގޮތުން، ދައުލަތުން ތަޢުލީމީ ދާއިރާއަށް ހޭދަކުރާ މިންވަރާ އަޅާބަލާއިރު، އިމްތިޙާނުތަކުން ފާސްވާ ދަރިވަރުންގެ ނިސްބަތް މަދުކަން ފާހަގަކުރެއްވިއެވެ. އޭލެވެލް އިމިމްތިޙާނުން ފާސްވާ ދަރިވަރުންގެ ނިސްބަތް 60 އިންސައްތައިން 50 އިންސައްތައަށް ދަށްވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި، ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، ޤާބިލު މީހުން އުފައްދައި، މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ޝަފީޢު ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މުހިންމުކަމަށް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.