އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް 2025 ކޮލިފައިންގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
އިންޑޮނޭޝިއާގައި މިއަދު ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވީ 0-4 ލަނޑުންނެވެ. މިމެޗުގައި ފެނުނު 4 ގޯލު ވެސް އިންޑޮނޭޝިއާއިން ޖެހީ ފަހުހާފުގައެވެ. އިންޑޮނޭޝިއާގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 52 ވަނަ މިނެޓުގައެވެ. އޭގެ ފަހުން ވިދިވިދިގެން ގޯލުތައް ޖަހައި، 15 މިނެޓުތެރޭ އެޓީމު ވަނީ 4 ގޯލު ޖަހާފައެވެ. އެއި 55 ވަނަ މިނެޓު، 57 ވަނަ މިނެޓު އަދި 67 ވަނަ މިނެޓުގައެވެ.
މެޗުގައި ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅުނީ އިންޑޮނޭޝިއާއެވެ. އެޓީމުން ރާއްޖޭގެ ގޯލަށް 5 ހަމަލާ ފޮނުވިއިރު އޭގެތެރެއިން 4 ހަމަލާ ކާމިޔާބު ކުރިއެވެ. ރާއްޖެއަކަށް ހެދުނީ އެންމެ ޝޮޓެކެވެ، އެ ޓީމަށް 10 ކޯނަރު ލިބުނެވެ. ރާއްޖެއަށް ލިބުނީ 3 ކޯނަރެވެ.
މި ބައްޔާއެކު ރާއްޖެ އޮތީ ގުރޫޕް ފުލުގައެވެ. މި ގުރޫޕުގެ އަނެއް މެޗުގައި ޔަމަން ވަނީ 3-1 ކުން އީސްޓް ޓީމޯ ބަލިކޮށްފައެވެ.
އޭޝިއާގެ އެންމެ ޝަރަފުވެރި އެއް ޔޫތު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ބަލިވިއިރު ދެން ރާއްޖެ ކުޅޭނީ މާދަމާ ނޫން އަނެއް ދުވަހު ޔަމަނާ ދެކޮޅަށެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި މި މަހުގެ 29 ވަނަ ދުވަހު ރާއްޖެ ބައްދަލުކުރާނީ އީސްޓް ޓިމޯ އާއެވެ.