ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަސައްކަތް ކުރަމުން އަންނަނީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ޕާޓީއަކީ 75000 މެމްބަރުން ހިމެނޭ ޕާޓީއަކަށް ހެދުމަށްޓަކައި ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ލީޑަރޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ އެ ޕާޓީން މިހާރު ތައްޔާރުވަމުން އަންނަނީ ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވޭނެ ޕާޓީއެއްގެ އެތެރޭގެ އެންމެ ބޮޑު އިންތިޚާބަށް ކަމަށާއި އެ ޕާޓީ ވެގެންދާނީ މި އަހަރުގެ ނޮވްމްބަރު މަހުގެ ނިޔަލަށް މުޅި ދިވެހިރާއްޖޭގައި ވެސް އެންމެ ބޮޑު ޕާޓީއަށް ކަމަށެވެ.
އެގޮތުން ނޮވެމްބަރުގެ ނިޔަލަށް ޕީއެންސީއަކީ 75000 މެމްބަރުން ހިމެނޭ ޕާޓީއަކަށް ހެދުމަށްޓަކައި މަސައްކަތް ކުރަމުން އަންނައިރު، ރާއްޖޭގައި އޮންނަ އެންމެ ބޮޑު ޕާޓީއަށް އެ ޕާޓީ ވެގެންދާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެތެރޭގެ އެންމެ ބޮޑު އިންތިޚާބު ބޭއްވުމަށް އެ ޕާޓީން ތައްޔާރުވަމުން އަންނަ އިރު، މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 2095 މެމްބަރުން އެކި އެކި މަޤާމުތަކަށް އައްޔަން ކުރާނެ ކަމަށެވެ.
މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 19 ގައެވެ.
މި އިންތިޚާބަކީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދާއިރާއަކަށް ނިސްބަތްވެވަޑައިގަންނަވާނެ ދާއިރާގެ ރައީސެއް އަދި ނައިބު ރައީސެއް ހޮވުމަށް ބާއްވާ އިންތިޚާބެކެވެ. މިހާރު ޕީއެންސީގެ މެމްބަރުން މަޖިލީހުގައި ތިއްބެވި ދާއިރާތަކުގައި، ދާއިރާގެ ރައީސުންނަށް ވެވަޑައިގަންނަވާނީ މަޖިލީހުގެ މެމްބަރުން ކަމަށް ޕީއެންސީން ބުންޏެވެ. އަދި ދާއިރާގެ ރައީސުން ހޮވުމަށް އިންތިޚާބު އޮންނާނީ މަޖިލީހުގައި މެމްބަރުން ނެތް ދާއިރާތަކުގައި ކަމަށް ޕީއެންސީން ބުންޏެވެ. ނަމަވެސް ހުރިހާ ދާއިރާއަކަށްވެސް ނައިބު ރައީސުން އިންތިޚާބު ކުރުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށް ޕީއެންސީން ބުންޏެވެ.
މީގެ އިތުރުން މި އިންތިޚާބުގައި ކޮންމެ ރަށެއް އަދި ސިޓީތަކެއްގެ އިންތިޚާބީ ދާއިރާތަކުގައި ސްޓިއަރިންގ ކޮމިޓީތައް ވެސް އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.