ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް)އިން މިއަދު އަންގައިފިއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށެވެ. ޚާއްޞަކޮށް ދެކުނާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ބޯކޮށް ވާރޭ ވެހި، އާންމު ވައި ވެސް ގަދަވާނެކަމަށް އެ އިދާރާއިން ބުންޏެވެ.
ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ބުންޏެވެ. އެހެން ހިސާބުތަކަށް އިރާއި އިރުއުތުރުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ދަނީ މިއަދު ހެނދުނުން ފެށިގެން ސަމާލުތައް ނެރެމުންނެވެ. އެންމެ ފަހުން ނެރެފައިވަނީ ޅ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލެކެވެ. މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 16:00 އިން 22:00 އަށެވެ.
ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ބެލެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާއިމެދު ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސް ކުރެއެވެ.
ރާއްޖޭގެ ދެކުނުގެ ހިސާބުތަކުގައި ކަނޑުތަކުގެ ރާޅުގެ އުސްމިން 2 ފޫޓާ 5 ފޫޓާއި ދެމެދުގައި ހުރުމާއެކު މެދުރާއްޖެތެރެއާއި އުތުރުގެ ހިސާބުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 4 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިނުގައި ހުންނާނެކަމަށް މެޓު އޮފީހުން ބުންޏެވެ.
މިވޭތުވެދިޔަ 24 ގަޑިއިރު ކުރި ވިއްސާރައަށް ބަލާއިރު 148.6 މިލިމީޓަރުގެ ވާރެއާއެކު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ގއ.ގެމަނަފުއްޓަށެވެ.