ޢުމްރާއަށް މީހުން ގެންދިއުމުގެ އުޞޫލާ ޚިލާފުވެފައިވާ ކުންފުނިތަކަށް އަންނަ ހަފްތާގައި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 9 އޮކްޓޫބަރު 2024 ގައި ގެޒެޓްކޮށްފައިވާ އުޞޫލާ އެއްގޮތައް ޢަމަލުކޮށްފައިނުވާ ބައެއް އެހެން ކުންފުނިތައް ވެސް ފާހަގަވެފައިވާ ކަމަށެވެ. އަދި އެކަމަށް އަމަލު ނުކޮށް ދޫކޮށްލި ކަމުގެ ކުޑަބޮޑު މިނަށް ބަލައި އަންނަ ހަފްތާގައި އުޞޫލުގައި ބުނާގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވެފައި މިވަނީ އަލްހިޖްރަ ކުންފުނީގެ ޙަވާލުގައި ޢުމްރާއަށް ދިޔަ ބަޔަކު ޙާލުގައި ޖެހިގެން އަނބުރާ ރާއްޖެ އާދެވޭނެ ގޮތެެއް ނެތިފައި ތިއްބާ، ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި އެމީހުން ރާއްޖެ ގެނައުމަށް ހަމަޖައްސާފައި ވަނިކޮށެވެ. ޢުމްރާވެރިން ޙާލުގައި ޖެއްސި އަލްހިޖްރަ ކުންފުނި ޖޫރިމަނާކޮށް، އިތުރު ފިޔަވަޅުތައް ވެސް މިނިސްޓްރީން ވަނީ އަޅާފައެވެ.
އެ ކުންފުންޏަށް އެޅި ފިޔަވަޅުތަކަކީ؛
-ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން.
-100،000ރ. އިން އެ ކުންފުނި ޖޫރިމަނާކުރުން.
-އެ ކުންފުންޏަށް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް ޢުމްރާއަށް މީހުން ގެންދިޔުމުގެ ޙުއްދަ ނުދިނުން.
-އެ ކުންފުނީގެ ފަރާތުން ޢުމްރާއަށް ގެންގޮސް ޙާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރާ ޚަރަދު އެ ކުންފުނިން ހޯދުން.
-މި މައްސަލަ ތަޙުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ޕޮލިހަށް ހުށަހެޅުން.
މީގެ އިތުރުން ދިވެހިންތަކެއް ޢުމްރާއަށް ގެންގޮސް މަގުމަތިކުރުވި މައްސަލައެއްގައި މަޝްއަރު ޓުއާސް ނަމަކަށް ކިޔާ ކުންފުންޏެެއްގެ ވެރިންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ވަނީ އިއްޔެ ބުނެފައެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 13ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މި މައްސަލައިގެ ތަޙުޤީޤު ނިންމުމަށްފަހު ދައުވާކުރުމަށްޓަކައި 2 ޑިސެމްބަރު 2024ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ރޯދަ މަހުގެ ތެރޭގައި މަޝްއަރު ގްރޫޕުން ޢުމްރާއަށް ގެންދިޔަ މީހުން ގެނައުމަށް ދިން ޗެކު ބައުންސްވެ ޢުމްރާވެރިން މަގުމަތިވިއެވެ. އަދި އެ ޢުމްރާވެރިން ރާއްޖެ އައުން ގިނަ ދުވަސްތަކަކަށް ލަސްވެގެންދިޔަ އިރު، އެ ދުވަސްތަކުގެ ޚަރަދުތަކާއި ޢުމްރާވެރިން އެނބުރި އައުމުގެ ޚަރަދުތައްވެސް ކުރީ ޢުމްރާވެރިންގެ އަމިއްލަ އަތުންކަން ފާހަގަކޮށްލެވެއެވެ.