އަލްހިޖްރަ ކުންފުނީގެ ޙަވާލުގައި ޢުމްރާއަށް ގޮސް ޙާލުގައި ޖެހުނު ޢުމްރާވެރިން ހޮނިހިރު ދުވަހު މާލެ ގެނެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ އަލްހިޖްރަ ކުންފުނީގެ ޙަވާލުގައި ދިޔަ އުމްރާވެރިން މިހާރުވަނީ، މިނިސްޓްރީގެ އިރުޝާދުގެ ދަށުން ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިން ތިބި ހޮޓަލަށް ބަދަލުކޮށްފައި ކަމަށެވެ.
"އިންޝާ ﷲ 11 ޖެނުއަރީ ހެނދުނު 8.10 ގައި ޤަތަރު އެެއަަވޭސް އިން އެފަރާތްތައް މާލެ ގެނެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
ޢުމްރާވެރިން ޖިއްދާއިން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ އިރުއޮއްސި 7:30 ގައެވެ. އެ ފަރާތްތަކަށް މާލެ އާދެވޭނީ މި މަހުގެ 11 ވަނަ ދުވަހު ހެނދުނު 8:10 ގައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އަލްހިޖްރަ ކުންފުންޏާމެދު ފިޔަވަޅުވެސް އަޅާފައެވެ. މިނިސްޓްރީން ބުނި ގޮތުގައި، އެ ކުންފުނި ވަނީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ޚިލާފުވެފައެވެ.
އެ ކުންފުންޏަށް އެޅި ފިޔަވަޅުތަކަކީ؛
-ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން.
-100،000ރ. އިން އެ ކުންފުނި ޖޫރިމަނާކުރުން.
-އެ ކުންފުންޏަށް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް ޢުމްރާއަށް މީހުން ގެންދިޔުމުގެ ޙުއްދަ ނުދިނުން.
-އެ ކުންފުނީގެ ފަރާތުން ޢުމްރާއަށް ގެންގޮސް ޙާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރާ ޚަރަދު އެ ކުންފުނިން ހޯދުން.
-މި މައްސަލަ ތަޙުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ޕޮލިހަށް ހުށަހެޅުން.
"އިސްވެދިޔަ ފިޔަވަޅުތައް ތަންފީޒުކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަން ޖެހޭ އެންމެހާ ކަންކަން ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" މިނިސްޓްރީން ބުންޏެވެ.