ޤައުމީ ކޮމްޕިއުޓަރ ވިއުގަ އަޕްގްރޭޑްކުރުމަށް ސްރީލަންކާ ކުންފުންޏަކާ ޙަވާލުކޮށްފި

އާނާ ފަހީމް | 21 ގަޑިއިރު ކުރިން - 22:55
ޤައުމީ ކޮމްޕިއުޓަރ ވިއުގަ އަޕްގްރޭޑްކުރުމަށް ސްރީލަންކާގެ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުން. / ފޮޓޯ: ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާ
ޤައުމީ ކޮމްޕިއުޓަރ ވިއުގަ އަޕްގްރޭޑްކުރުމަށް ސްރީލަންކާގެ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުން. / ފޮޓޯ: ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާ
ޚުލާސާ

ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ޤައުމީ ކޮމްޕިއުޓަރ ވިއުގައިގެ ޚިދުމަތް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ދިރާސާ ހެދުމަށް ޙަވާލުކޮށްފައިވަނީ ސްރީލަންކާގެ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާ.

ސޮފްޓްވެއަރ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޮލޮޖީއަށް ބިނާކޮށް ޤައުމީ ކޮމްޕިއުޓަރ ވިއުގައިގެ ޚިދުމަތް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ދިރާސާ ހެދުމަށް ސްރީލަންކާގެ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.

މި މަސައްކަތަކީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމެކެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި، އެސްޑީވޭން ޓެކްނޮލޮޖީއަކީ އިންޓަރނެޓް މެދުވެރިކޮށް ރައްކާތެރިކަމާއެކު އެކި ސަރަޙައްދުތަކުގައި ހުންނަ ބްރާންޗް އޮފީސްތައް ގުޅާލުމަށް ބޭނުންކުރާ ނެޓްވޯކް ޓެކްނޮލޮޖީއެކެވެ. ނަމަވެސް މި ޓެކްނޮލޮޖީއަކީ ސަރުކާރުގެ އިދާރާތަކާއި އެ އިދާރާތަކުގެ ބްރާންޗް އޮފީސްތަކަށް އެއް ވިއުގައެއްގެ ތެރެއިން ޚިދުމަތް ދިނުމަށް ޓެކްނިކަލް އަދި މާލީގޮތުން ފީޒިބަލް ޓެކްނޮލޮޖީއެއްތޯ ދެނެގަތުމަށް އިތުރަށް ދިރާސާކުރަން ޖެހޭކަމަށް ވުޒާރާއިން ބުންޏެވެ.

އެން-އޭބަލް ޕްރައިވެޓް ލިމިޓެޑުން މި ޓެކްނޮލޮޖީ ބޭނުންކުރެވޭތޯ ބެލުމަށް ޕްރޫފް އޮފް ކޮންސެޕްޓް ހެދުމުގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.

ޤައުމީ ކޮމްޕިއުޓަރ ވިއުގަ (އެން.ސީ.އެން) އަކީ ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށާއި، ރަށު ކައުންސިލްތަކާއި ބްރާންޗް އޮފީސްތަކަށް އިންފޮމޭޝަން ސިސްޓަމްތައް ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ ކޮމްޕިއުޓަރ ވިއުގައެކެވެ. މި ވިއުގަ އެންމެ ފުރަތަމަ ޤާއިމްކޮށްފައިވަނީ 2000 ގެ އަހަރުތަކުގެ ތެރޭގައި ސެޓެލައިޓް މެދުވެރިކޮށެވެ. ނަމަވެސް، ޓެކްނޮލޮޖީއަށް އައި ކުރިއެރުމާއި އަގުތަކަށް އައި ބަދަލާއެކު 2014 އިން ފެށިގެން މި ނެޓްވޯކް އޮޕަރޭޓްކުރަނީ ދިރާގު އަދި އުރީދޫއިން ޤާއިމްކޮށްފައިވާ މުވާސަލާތީ ބިނާވެށީގައެވެ.

ވުޒާރާއިން ފާހަގަކުރި ގޮތުގައި، މިހާރު ބޭނުންކުރާ ނެޓްވޯކަކީ އަގުބޮޑު ޚިދުމަތެއް ކަމަށާއި، އޮފީސްތަކުގެ ޑިޖިޓަލް ޚިދުމަތްތައް ގިނަވެފައިވާތީ، މި ނެޓްވޯކްގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރާއިރު ރަށްރަށުގައި އަޅާފައިވާ ނެޓްވޯކް އިންފްރާސްޓްރަކްޗަރ ހަލާކުވުމުގެ ސަބަބުން ޚިދުމަތްތައް މެދުކެނޑި، އަލުން ޚިދުމަތް ދޭން ފެށުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ.

އައު ވިއުގަ ޤާއިމްކުރެވުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި:

- ސަރުކާރުން މިހާރު އެން.ސީ.އެން އަށް ކުރާ ޚަރަދު އެތައް ގުނައެއް ކުޑަވުން.

- ނެޓްވޯކްގެ ކެޕޭސިޓީ އިތުރުވުން.

- އެން.ސީ.އައި.ޓީއަށް ނެޓްވޯކް ބެލެހެއްޓުން ފަސޭހަވުން.

- ކައުންސިލްތަކުން ސަރުކާރާ ގުޅިގެން ދޭ އިތުރު ޚިދުމަތްތަކަށް މަގުފަހިވުން.

- އަތޮޅުތަކުގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ކުޑަ ޚަރަދަކުން ޤައުމީ ކޮމްޕިއުޓަރ ވިއުގައިގެ ޚިދުމަތް ފުޅާކުރުމުގެ ފުރުޞަތު ލިބުން.

އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 4 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި ދިރާސާގެ ނަތީޖާއަށް ބިނާކޮށް، ޤައުމީ ކޮމްޕިއުޓަރ ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް ވުޒާރާއިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%