ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މަސްވެރިންނަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި ދެމި ހުންނަވާނެ ރައީސެއް ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވިދާޅުވެއްޖެއެވެ.
އަޝްރަފް މިހެން ވިދާޅުވީ ރައީސް މުޢިއްޒު ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ގދ. ފިޔޯރީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައެވެ.
އަޝްރަފް ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މަސްވެރިންގެ ޙައްޤުގައި މަސައްކަތް ނުކުރާ ވަރަށް ރައީސް މުޢިއްޒުގެ ސަރުކާރުން މިވީ ދުވަސްކޮޅުގެ ތެރޭގައި ކޮށްފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި އެއް އަހަރުގެ ތެރޭގައި ރައީސް މުޢިއްޒުގެ ހިކުމަތު ޢަމަލީ ބޭނުންފުޅު ކުރައްވައިގެން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ މިއަދު ފެންނަމުން އަންނަ ކަމަށް އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ އެބޭފުޅާ މެންބަރުކަން ކުރައްވާ ފަރެސްމާތޮޑާ ދާއިރާއަކީވެސް މަސްވެރި ދާއިރާއެއް ކަމަށާއި މެންބަރުކަމަށް ހޮވިވަޑައިގެންނެވި ފަހުން އެންމެ ގިނަ ފޯނު ކޯލުތައް އައިސްފައިވަނީ މަސްވެރިންގެ ފަރާތުން ކަމަށެވެ. މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކުގެ ޝަކުވާތައް ކެނޑިނޭޅި ލިބެމުން ދިޔަ ކަމަށާއި، އެ މައްސަލަތައް ޙައްލުކުރުމަށްޓަކައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އާ ޙިއްސާކުރައްވަމުން ގެންދެވި ކަމަށް އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ އެ ސަރަޙައްދަށް ބޭނުން ޖެހިފައިވާ މަސް ފެކްޓްރީގެ ވާހަކައަކީ އެންމެ ބޮޑަށް ދެކެވެމުން ދިޔަ ވާހަކަ ކަމަށާއި، ރައީސް އާއި ދިމާވާ ކޮންމެ ފަހަރަކުވެސް އެ ވާހަކަ ނަންގެންނެވުމުން، އެ މަޝްރޫޢު ކުރިއަށް ގެންދިޔުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމުގެ ޔަޤީންކަން ދެއްވަވާފައި ކަމަށެވެ.
އަޝްރަފް ވަނީ ދިވެހިރާއްޖޭގެ މުޅި މަސްވެރި ޢާއިލާއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް ރައީސް މުޢިއްޒު އަދި މިނިސްޓަރ ޝިޔާމް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
އަޝްރަފް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު މަސްވެރިންނަށް ދޭން ޖެހިފައި ހުރި ފައިސާއަކީ ވެރިކަން ކުރުމަށް އުނދަގޫ ކުރުމަށްޓަކައި ސިޔާސީ ބޭނުމަކަށް ބަޔަކު ކޮށްފައިވާ ކަމެއް ކަމަށާއި، އެ މައްސަލައަށްވެސް ޙައްލު ގެނެސްދެއްވާފައިވަނީ ރައީސް މުޢިއްޒު ކަމަށެވެ. އަދި މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް މި ސަރުކާރުން ދީ ނިންމާފައިވާކަން އަޝްރަފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ލިބޭނެ ގޮތް ހަމަޖެއްސެވީވެސް ރައީސް މުޢިއްޒު ކަން އަޝްރަފް ފާހަގަކުރެއްވިއެވެ.
އަޝްރަފް ވަނީ މަސްވެރިންގެ ޙައްޤުގައި ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، އެމަނިކުފާނަކީ މަސްވެރިންގެ މައްސަލަތައް ޙައްލުކުރުމުގައި ދެމިހުންނަވާނެ ރައީސެއް ކަމަށް ވިދާޅުވެފައެވެ.