ތައިލެންޑުގައި ތިބި އުއިގޫރު މުސްލިމުން ޗައިނާއާއި ޙަވާލުކުރާ ވާހަކަ ދޮގުކޮށްފި

ޖަވާދު | 73 ދުވަސް ކުރިން - 15:10
ޚުލާސާ

ޗައިނާއަށް ނުދާންވެގެން ތައިލެންޑަށް ހިޖުރަކުރި އުއިގޫރު މުސްލިމުން އަނބުރާ ޗައިނާ އަށް ފޮނުވުމަށް ޑޮކިއުމެންޓްތައް ފުރިހަމަކުރުމަށް ތައިލެންޑުން މަސައްކަތްކުރާ ކަމަށް ހިއުމަންރައިޓްސް ވޮޗުން ވަނީ ބުނެފަ. ތައިލެންޑުން އެކަން ދޮގުކުރޭ.

ތައިލެންޑުގެ ޑިޓެންޝަން ސެންޓަރުތަކުގައި ބަންދުކޮށްފައި ތިބި އުއިގޫރު މުސްލިމުންގެ 48 މީހަކު އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ޕްލޭންތައް ތައިލެންޑުން ދޮގުކޮށްފިއެވެ.

ތައިލެންޑުން މިވާހަކަ ދޮގުކުރީ، އުއިގޫރު ރެފިއުޖީ މުސްލިމުންނަށް ތައިލެންޑުގެ ސަރުކާރުން ރައްކާތެރިކަން ދިނުމުގެ ބަދަލުގައި އެމީހުންނަށް އަދަބު ދިނުމަށް ޗައިނާއާއި ޙަވާލުކުރަން އުޅޭ ކަމަށް ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމާޢަތުން ބުނުމާއި ގުޅިގެންމެވެ.

ޚަބަރުތައް ބުނާ ގޮތުގައި ތައިލެންޑްގެ ކަމާބެހޭ ފަރާތްތަކުން މިކަން ދޮގުކޮށްފައިވާއިރު، އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ޖަމާއަތްތަކުން ބުނެފައި ވަނީ ތައިލެންޑް ސަރުކާރުން އުއިގޫރު މުސްލިމުން ސީދާ ޗައިނާއަށް ފޮނުވާލުމަށް ރާވާފައިވާ ކަމަށާއި އެކަމުގައި މަސައްކަތްތައް ފަށައިފައިވާ ކަމަށެވެ.

އޭއެފްޕީން ބުނާ ގޮތުގައި ތައިލެންޑުގެ އިމިގްރޭޝަންގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އދ އިން އެ ބުނާ ކަހަލަ އަމުރެއް ތައިލެންޑުން ނެރެފައި ނުވާ ކަމަށެވެ.

"އެގޮތަށް ނިންމާނީ ގައުމީ ސަލާމަތުގެ މަޖިލީހުން. (އެމީހުން އަނބުރާ ފޮނުވުމަށް) އަމުރެއް ނެތް.'

ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އޮފިޝަލަކު ވެސް އޭއެފްޕީއަށް ވިދާޅުވީ އެފަދަ އެއްވެސް އަމުރެއް ނެރެފައި ނުވާ ކަމަށެވެ.

ނޭޝަނަލް ޕޮލިސް ޗީފް ކަޓްރަތު ފަންފަތު ހޯމަ ދުވަހު ވިދާޅުވީ "ތައިލެންޑްގެ ފުލުހުންނާއި އިމިގްރޭޝަން ޑިޕާޓްމަންޓަށް ޑީޕޯޓް ކުރި ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ" ކަމަށެވެ.

ބައެއް ރިޕޯޓުތަކުގައި ވާގޮތުން ބުދަ ދުވަހު ބަންދުކުރި އުއިގޫރު މުސްލިމުންނާއި ބެހޭ ގޮތުން ސުވާލު ކުރުމުން ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އެމީހުންނާއި ބެހޭ އެއްވެސް ހަބަރެއް ނުލިބޭ ކަމަށެވެ.

ބެއިޖިންގައި ބޭއްވި ނިއުސް ބްރީފިންގައި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މައޯ ނިންގް ވިދާޅުވީ ގަވާއިދާއި ހިލާފަށް ހިޖުރަކުރާ މީހުންނާއިމެދު ހަރުކަށިކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.

2013 ވަނަ އަހަރާއި 2014 ވަނަ އަހަރު ބަންދުކޮށްފައިވާ އުއިގޫރު މުސްލިމުންގެ 48 މީހުން ހިމެނޭ ގްރޫޕެއް ތައިލެންޑް ކައިރީގައި ހުންނަ އިމިގްރޭޝަން ސެންޓަރުތަކުގައި ބަންދުކޮށްފައިވެ އެވެ.

ހިއުމަން ރައިޓްސް ވޮޗް އިން މިދިޔަ ހަފްތާގައި ބުނެފައިވަނީ ތައިލެންޑްގެ އިމިގްރޭޝަންގެ އޮފިޝަލުން އުއިގޫރު މުސްލިމުންގެ އައު ޑޮކިއުމެންޓުތަކެއް ފުރިހަމަ ކުރުމަށް އެދުނު ކަމަށާއި އެމީހުންގެ ފޮޓޯ ނަގާފައިވާ ކަމަށެވެ. އެ ޖަމާއަތުން ގަބޫލުކުރާ ގޮތުގައި މި ފިޔަވަޅުތަކަކީ މަޖުބޫރުކޮށްގެން އެހެން ތަނަކަށް ބަދަލުކުރުމަށް ތައްޔާރުވަމުން އަންނަ ފިޔަވަޅުތަކެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%