މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދުއަށް ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދީފައިވަނީ އަކްރަމް ކަމާލުއްދީން އިސްވެހުރެކަން ހާމަވެއްޖެއެވެ.
ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ލިޔެކިޔުންތަކުން ހާމަވާގޮތުގައި ފަޒީލް އަށް ގޯތި ދީފައިވަނީ ކުރީގެ ސަރުކާރުންކަން އެނގިފައިވާ ކަމަށެވެ. އެގޮތުން ލިސްޓުގައި ނެތް ނަމަވެސް، ފަޒީލް އަށް ގޯތި ދީފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުންކަން ވަނީ ހާމަވެފައެވެ.
މިދިޔަ ސަރުކާރުގައި ބިންވެރިޔާ ސްކީމުގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވާފައިވަނީ އޭރުގެ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އެވެ.
އަކްރަމް ކަމާލުއްދީނަކީ މީގެ ކުރިން ވެސް ކޮރަޕްޝަނުގެ އެތައް މައްސަލައެއްގެ ތުހުމަތުތައް އަމާޒުވެފައިވާ ފަރާތެއްކަން ފާހަގަކުރެވެއެވެ. އެގޮތުން މާލެ މީހުންނަށް ގޯތި ދިނުމަށް ނިމިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރަން ނެގި ގުރުއަތު އޮޅުވާލައި ވަކި ބަޔަކަށް ހުޅުމާލެއިން ގޯތި ދިނުމަށް 30 މިލިއަނެއްހައި ރުފިޔާ ރިޝްވަތުގެ ގޮތުގައި އަކްރަމް ނެންގެވިކަމުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ވަނީ ހުށަހަޅާފައެވެ.
އެ މައްސަލާގައި އަކްރަމަށް ތުހުމަތުކޮށްފައިވަނީ ގުރުއަތުލުމުގެ މަރުޙަލާގައި ވަކި ޓީމެއް ނަންގަވައިގެން ވަކި ބަޔަކަށް އެމީހުން ބޭނުންވާ ތަނަކުން ބޭނުންވާ ޕްލޮޓެއް ލިބޭނެ އިންތިޒާމު އޭނާ ހަމަޖައްސަވައިދެއްވި ކަމަށެވެ.
އެ މައްސަލާގައި ބުނެފައިވަނީ މިފަދައިން ގުރުއަތު އޮޅުވާލައިގެން ގިނަ ބަޔަކަށް އެމީހުން ބޭނުންވި ތަންތަނުން ގޯތި ދޫކޮށްގެން އަކްރަމު އިސްވެ ހުންނަވައި 25 މިލިއަން ރުފިޔާއާއި 30 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ފައިސާ ނަންގަވާފައިވާ ކަމަށެވެ. އެ ފައިސާ ޖަމާކުރީ އޭނާއާ ގުޅުންހުރި ބައެއް ކުންފުނިތަކުގެ އެކައުންޓުތަކަށް ކަމަށްވެސް ތުހުމަތުކޮށްފައި ވެއެވެ.
މީގެ އިތުރުން އެ ފައިސާގެ މުއާމަލާތް ހިނގާފައިވާކަން އަކްރަމާ ގުޅުންހުރި ކުންފުނިތަކުގެ ބޭންކު ސްޓޭޓުމެންޓުތަކުން އެނގޭނެކަމަށާއި، އެ އެކައުންޓުތަކަށް ފައިސާ ވެއްދުމަށްފަހު، ފައިސާ އެކި ދިމާތަކަށް ފޮނުވައިގެން މަނީލޯންޑާކޮށްފައިވާކަމަށްވެސް އެ މައްސަލާގައި ބަޔާންކޮށްފައިވެއެވެ.
އަކްރަމް އަކީ މި ނޫންވެސް ކޮރަޕްޝަނުގެ އެތައް މައްސަލައެއްގައި ޝާމިލުވާ ފަރާތެއްކަން ފާހަގަކުރެވެއެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ޙިޔާނާތުގެ ތެރެއިން ވެސް އޭނާގެ އެކައުންޓަށް 30،000 ޑޮލަރު (462،600) ވަނީ ޖަމާކޮށްފައެވެ.