ލައިލަތުލްޤަދުރި ވިލޭރެއަކީ މާތް ﷲ އެ ރެއެއްގައި މީހަކަށް މުޅި ޢުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ޙާޞިލުކުރެވިދާނެ ރޭ: ޚުޠުބާ

އައިޝަތު ރުވާ ރިފްޢަތު | 9 ދުވަސް ކުރިން - 13:09
މިސްކިތުގައި ރޯދަ ވީލުން/ ފޮޓޯ: ޙުލާސާ
މިސްކިތުގައި ރޯދަ ވީލުން/ ފޮޓޯ: ޙުލާސާ
ޚުލާސާ

ރަމަޟާން މަހު ލައިލަތުލްޤަދްރީގައި ކުރާ ހެޔޮކަމުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން އިތުރުކުރައްވައިފައިވުން ހިމެނޭކަމަށް ޚުޠުބާގައި ފާހަގަކުރި.

ލައިލަތުލްޤަދުރި ވިލޭރެއަކީ މާތް ﷲ އެ ރެއެއްގައި މީހަކަށް މުޅި ޢުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ޙާޞިލުކުރެވިދާނެ ރޭކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބިނެފިއެވެ.

ޚުޠުބާގައި ބުނީ "ليلة القدرވިލޭރޭ، އެއްހާސް މައްސަރަށް ވުރެ ހެޔޮ ކަން ބޮޑު ރެއެއްކަމަށެވެ. އަދި އެ ރޭ ކުރާ ހެޔޮ ކަމުގެ ދަރުމަ ދެއްވަނީ އެއް ހާސް މައްސަރުގައި ކުރާ ހެޔޮ ކަމާ އެއްވަރުގެ ހެޔޮ ކަމެއްނޫން ކަމަށާއި، އެއަށްވުރެވެސް އިތުރު ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ ކުރީގެ އުންމަތްތަކުގެ މީހުންނަށް ދިގު ޢުމުރު ދެއްވާފައިވާކަމަށެވެ. އެހެންނަމަވެސް މި އުންމަތުގެ މީހުންގެ ޢުމުރު ކުރުކަމުގައި ވިއަސް މި ކުރު ޢުމުރުގައި ކުރާ ހެޔޮ ޢަމަލުގެ ދަރުމަ އިތުރުކޮށްދެއްވައިފައި ވެއިވާކަމަށެވެ. އޭގެ ތެރޭގައި ރަމަޟާން މަހު ލައިލަތުލްޤަދްރީގައި ކުރާ ހެޔޮކަމުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން އިތުރުކުރައްވައިފައިވުން ހިމެނޭކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.

"އީމާންކަމާ އެކު، ދަރުމައާއި ސަވާބަށް އެދި، އެ ރޭ، އަޅުކަންކުރި މީހުންނަށް، ފާފަފުއްސަވައިދެއްވާނެ" ކަމަށް ނަބިއްޔާގެ ޙަދީޘްފުޅެއް ނަގުލުކުރައްވައި ޚުޠުބާގައި ބުންޏެވެ. އަދި އެ ރޭ ކުރުމަށް ނަބިއްޔާ އުނގަންނައިދެއްވި ދުޢާއެއް ކަމުގައިވާ "اَللّٰهُمَّ إِنَّكَ عَفُوٌّ تُـحِبُّ الْعَفْوَ فَاعْفُ عَنِّي" މި ދުޢާގެ މާނަ ބަޔާންކޮށްދެއްވައި، މި ދުޢާ ގިނަގިނައިން ކުރުމަށް ޚުޠުބާގައި ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ރަމަޟާން މަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެއީ ގަދަވެގެންވާ ސުންނަތެއް ކަމަށް ޚުޠުބާގައި ބުންޏެވެ. އިޢުތިކާފަށް އިންނަ މީހާ ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވެ، މާތް ﷲ އަށް އަޅުކަންކުރުމާއި ކީރިތި ޤުރްއާން ކިޔެވުމާއި ޛިކުރުކުރުމުގައި ވަގުތު ހޭދަކުރަންވާނެ ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.

ޚުޠުބާގައި ފިޠުރު ޒަކާތުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ. ފިޠުރު ޒަކާތަކީ ރޯދަމަހު ރޯދަތައް ހިފި އިރު ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭކަމެއް ކަމަށާއި، ތިމާއާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ކުދީންގެ ފަރާތުން ފިޠުރު ޒަކާތް ނެރުމަށް އަވަސްވުމަށް އިރުޝާދު ޚުޠުބާގައި ދެއްވިއެވެ. ޢީދުވިލޭރެއާ ޢީދު ދުވަހު ކެއިންބުއިމަށް ފުދި އިތުރުވާ ކޮންމެ މީހެއްގެ މަތީން މި ޒަކާތް ނެރުން ވާޖިބުވެގެންވާ ކަމަށާއި، ފިޠުރު ޒަކާތް ނެރޭނީ ޢީދު ނަމާދުކުރުމުގެ ކުރީން ކަމަށް ޚުޠުބާގައި ހަދާންކޮށްދިނެވެ.

ޚުޠުބާގައި ވަނީ ކިޔަމަންތެރިވެ މާތް ﷲ އަށް ތަޤުވާވެރިވުމަށާއި، ހެޔޮ ޢަމަލާ އެކު މި މާތް މައްސަރު ނިންމައިލުމަށް މަސައްކަތްަސައްކަތްކުރުމަށާއި އަދި އަމިއްލަ ނަފުސަށް ކުރެވޭ ޢަހުދުތަކަށް ރައްކާތެރިވުމަށާއި، އިސްތިޣުފާރުކުރުން ގިނަކުރުމަށް ވެސް ޚުޠުބާގައި ނަޞޭހަތްތެރިވިއެވެ.

މާތް ﷲ ގެ ޙަޟްރަތަށް ކުއްތަންވެ އެ ކަލާނގެއަށް އޮންނަ އިތުބާރު ހަރުދަނާކުރުމަށާއި، އެ ކަލާނގެ ރަޙްމަތްފުޅުން ދެއްވައިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް ޚުޠުބާގައި ބުންޏެވެ. އިސްލާމްކަން މަތީ، ހެޔޮ ޙާލުގައި ތިބެ ރަމަޟާން މަހާ ބައްދަލުވުމަކީ ކުޑަ ނިޢުމަތެއް ނޫން ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.

ޚުޠުބާގައި އިތުރަށް ބުނީ، މި ބަރަކާތްތެރި ދުވަސްތަކާއި ރޭތަކުގައި ހީވާގިވެ ހެޔޮ ޢަމަލުކުރުމުގައި ދެމިތިބެންވާނެކަމަށެވެ. އަދި މިސްކިތްތަކުގެ ޙުރުމަތް ރައްކާތެރިކުރުމަށާއި، މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މާތް ތަންތަން ކަމަށް ފާހަގަކޮށް، މިސްކިތްތަކުގެ ސާފުތާހިރުކަމަށް އަހައްމިއްޔަތުކަން ދިނުމަށް ޚުޠުބާގައި އިރުޝާދުދީފައިވެއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%