ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުގައި ކ. ކާށިދޫ ޓީމުން 4-1 އިން ހދ. ނައިވާދޫ ބަލިކޮށް، ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދައިފިއެވެ. މި ކާމިޔާބީއާއެކު ކާށިދޫއަކީ މި މުބާރާތް ކާމިޔާބުކުރި ހަތްވަނަ ޓީމެވެ.
މީގެ ކުރިން މި ތަށި ގެންދިޔައީ ތިމަރަފުއްޓައި، މާފަންނު، ހެންވޭރު، ބ. ހިތާދޫ، އޭދަފުށި އަދި ލ. ގަމުންނެވެ. ތިމަރަފުށިން ތިންފަހަރު ގެންދިޔައެވެ.
މިރޭ ކުޅުނު ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް (ސެމްބެ) އެވެ. އަދި ސްޕޯޓްސް މިނިސްޓަރު، ޢަބްދުﷲ ރާފިޢު (ރާއްޕެ) ވެސް މި މެޗު ބައްލަވާލެއްވުމަށް ވަޑައިގެންނެވިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ ކާށިދޫގެ އަޖުލާން ޢަބްދުލް ޙަންނާނެވެ. ނައިވާދޫން އެއްވަރުކުރުމަށްފަހު، ކާށިދޫގެ ޢަބްދުﷲ ސުޒޭރު އަދި އަޖުލާން ވަނީ އިތުރު ދެ ލަނޑު ޖަހައިފައެވެ. މެޗުގެ ފަހު ލަނޑު ޖެހީ ވެސް ސުޒޭރެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، "ކިންގް އޮފް ފުޓްސަލް" ގެ މަޤާމު ހޯދީ ކާށިދޫގެ ގޯލްކީޕަރު މުޙައްމަދު ސަލީލެވެ. މިއީ މި މަޤާމު ގޯލްކީޕަރަކު ހޯދި ފުރަތަމަ ފަހަރެވެ.
"ކިންގް އޮފް ފުޓްސަލް" ގެ މަޤާމު ހޯދި ކާށިދޫގެ ގޯލްކީޕަރު މުޙައްމަދު ސަލީލް. / ފޮޓޯ: ރައީސް އޮފީސް
ކާށިދޫގެ އިސްމާޢީލް ރަޔާން އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމު ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް އެ ޓީމުގެ ޢަލީ ހައިޝަމް (ޗުމްޕު) ހޮވުނެވެ. ފެއަރ ޕްލޭ ޓީމަކީ ވެސް ކާށިދޫއެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދީ 14 ގޯލު ޖެހި މުޙައްމަދު ޝާއިން (ޝާއިންޓެ) އެވެ.
ކާށިދޫގެ މި ކާމިޔާބީއަކީ އަތޮޅު ފައިނަލާއި ޒޯން ފައިނަލުން ބަލިވުމަށްފަހު ހޯދި ކާމިޔާބީއެކެވެ.
މި މުބާރާތުގެ ކާމިޔާބީއަކީ ކާށިދޫގެ ކުޅުންތެރިންގެ ހުނަރާއި ހިތްވަރުގެ ނަތީޖާއެއް ކަމަށް ޓީމުގެ ކުޅުންތެރިންނާއި ކޯޗުން ފާހަގަކޮށްފައިވެއެވެ.