ދެހަފްތާތެރޭ އީއައިއޭ ނިންމާ މާއެނބޫދޫ ބިން ހިއްކަން ފަށާނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 18 ދުވަސް ކުރިން - 12:22
ރައީސް މާއެނބޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް މާއެނބޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި މަޑުޖެހިފައިވާ މަޝްރޫޢުތައްވެސް މި މަހުގެ ބާކީ އޮތް ދުވަސްތަކުގައާއި މާރިޗު މަހު ފެށިގެން ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވި.

ދ. މާއެނބޫދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތިމާވެށީގެ ދިރާސާ (އީއައިއޭ) ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ނިންމައި، ޢަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މާއެނބޫދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ ރިޔާސީ އިންތިޚާބުގައި އެ ރަށުގެ ތަރައްޤީއަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރެއިން ބިން ހިއްކުމުގެ މަސައްކަތް އަވަހަށް ފަށްޓަވާނެކަމުގެ ޔަޤީންކަން ދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އީއައިއޭއަށް މާގިނަ ދުވަހެއް ނުނަގާނެ. ދެތިން ހަފްތާ ވެދާނެ. ނިމުނުހާ އަވަހަށް ބިންހިއްކަން ފަށާނަން،" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 2 ހެކްޓަރު ވަކި ރަށެއްގެ ގޮތުގައި ހިއްކޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މާއެނބޫދޫގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު ވެސް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ މާއެނބޫދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް މެއި މަހު ނިމޭނެކަމަށެވެ. އަދި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި މަޑުޖެހިފައިވާ މަޝްރޫޢުތައް ވެސް މި މަހުގެ ބާކީ އޮތް ދުވަސްތަކުގައާއި މާރިޗު މަހު ފެށިގެން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މާއެނބޫދޫގައި ސިއްޙީ މަރުކަޒު ފުޅާކުރުމާއި، ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް ވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ފުޓުބޯޅަ ދަނޑާއި، ވޮލީ ކޯޓާއި، އައުޓްޑޯ ޖިމާއި، ކުޑަކުދިންގެ ޕާކް ހިމެނެއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، އައުޓްޑޯ ޖިމާއި، ކުޑަކުދިންގެ ޕާކް ހެދުން ކުރިއަށްގެންގޮސް ނިންމަވާނެ ކަމަށެވެ.

އަދި އާރުޓީއެލްގެ ޚިދުމަތް މުޅި ރާއްޖޭގައި މިއަހަރު ފެށުމަށް ނިންމާފައިވާއިރު، ކުރިއަށް އޮތްތަނުގައި ދ. އަތޮޅުގައި ވެސް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާއެނބޫދޫގެ ކަރަންޓުގެ މައްސަލައަށް ވެސް ޙައްލު ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ މަޝްރޫޢުތަކުގެ އެކި މަރުހަލާތައް އެކި ކުންފުނިތަކާއި ހަވާލުކުރުމުގެ ބަދަލުގައި، އެއް ފަރާތަކާއި މުޅި މަޝްރޫޢު ހަވާލުކޮށް، އެންމެ ރަނގަޅަށް ނުހުއްޓި ކުރިއަށް ގެންގޮސް ފުރިހަމަކުރުން ކަމަށެވެ.

"އަޅުގަނޑު ވަޢުދުވީގޮތަށް ހުރިހާ ރަށެއްގެ ހުއްޓިފައިވާ މަޝްރޫޢުތައް މި ދެމަހު ފެށިގެންދާނެ. އަޅުގަނޑުމެން ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ސަރުކާރާއި ކުންފުނިތައް މަސައްކަތް ކުރަމުންދަނީ،" ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%