ހުޅުމީދޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި

ހުސައިން އިސްމާއިލް | 18 ދުވަސް ކުރިން - 13:02
މުޙައްމަދު އިލްމު.
މުޙައްމަދު އިލްމު.
ޚުލާސާ

އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާ ދެމުންދަނީ މަރަދޫފޭދޫ، އުމުރުން 18 އަހަރުގެ މުޙައްމަދު އިލްމު އަށް. ހާދިސާއާއި ގުޅިގެން އޭނާ ފަރިތަކުރަމުންދިޔަ ރޭސިންގ މުބަރާތް ވަނީ ވަގުތީގޮތުން މެދުކަނޑަލާފަ.

އައްޑޫ ސިޓީގެ ހުޅުމީދޫގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އައްޑޫ ސިޓީ މަރަދޫފޭދޫ، އުމުރުން 18 އަހަރުގެ މުޙައްމަދު އިލްމުއެވެ. އޭނާއަށް ފުރަތަމަ ފަރުވާދެމުން ގެންދިޔައީ އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުގައެވެ. ނަމަވެސް އޭނާގެ ހާލަތު ސީރިއަސްވުމާއި ގުޅިގެން މާލެ ގެނައީ އިއްޔެގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ހުޅުދޫގައި އިއްޔެ ފެށި "އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕް" އަށް ފަރިތަކުރަމުންދަނިކޮށެވެ. މަޢުލޫމާތު ލިބޭގޮތުގައި މުޙައްމަދު އިލްމުގެ ސައިކަލު ކޮންޓްރޯލުން ނެއްޓި، ގޮސް ޖެހުނީ ހަދަން ފަށާފައި ހުރި ގެއެއްގެ ތަނބެއްގައެވެ.

އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން ވަނީ މި ހާދިސާއާ ގުޅިގެން މުބާރާތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އިޢުލާނުކޮށްފައެވެ. އަދި މުޙައްމަދު އިލްމުގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ އެސޯސިއޭޝަނުން ވަނީ އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%