ދަނޑުވެރިކަމާއި މަސްވެރިކަމުގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަޒީރު ޑރ. މާރިޔާ ގޮވާލައްވައިފި

އާނާ ފަހީމް | 28 ދުވަސް ކުރިން - 17:11
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އިޓަލީގައި
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އިޓަލީގައި
ޚުލާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަޒީރު ގޮވާލައްވައިފި.

ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ގޮވާލައްވައިފިއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، އިޓަލީގެ ރޯމްގައި މިމަހުގެ 12 އިން 13 އަށް ބޭއްވުނު އިންޓަރނޭޝަނަލް ފަންޑު ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ 48 ވަނަ ގަވަރނިންގ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް އަޅުގަނޑުމެން ވަކާލާތު ކުރީން. މިކަމުގެ މުހިންމުކަން ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ އަސަރު ދިރާސާތަކުން ދައްކާ." ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދަނޑުވެރިކަމުގެ ސިނާއަތަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ޢަމަލީގޮތުން ކުރެވިދާނެ ކަންކަމާއި، ތަންފީޒީ ހައްލުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދުނިޔޭގެ ދަނޑުވެރިކަމާއި ކަނޑުވެރިކަމުގެ ނިޒާމުގައި ކުދި ޖަޒީރާ ޤައުމުތަކުން މުހިންމު ދައުރެއް އަދާކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް އެހީވުމުގައި ދުނިޔެ އެއްބައިވަންތަވުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމާއި ޒުވާނުންގެ ތަޢުލީމާއި ހުރި ގުޅުން ފާހަގަކުރައްވައި، ކުޑަކުދިންނަށް ރަނގަޅު ކާނާއާބެހޭ ތަޢުލީމު ދިނުމުގެ މުހިންމުކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ވަޒީރުންނާއި ސްޓޭޓުންގެ އިތުރުން ދަނޑުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެން ތަޖުރިބާ ހިއްސާކޮށް، މަޝްވަރާ ކުރައްވާފައިވެއެވެ.

ވަޒީރު ޑރ. މާރިޔާ ވިދާޅުވީ، މި ބައްދަލުވުމުގައި ދަނޑުވެރިކަމުގެ ދެމެހެއްޓެނިވިކަމާއި ކަނޑުގެ ވަޞީލަތްތައް މެނޭޖްކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ހުރިހާ ބައިވެރިންވެސް އިއްތިފާޤުވެފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%