ހއ. އިހަވަންދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފިއެވެ.
މި ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް އާއި މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އަދި އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ފިޝަރީޒް ކޮމްޕްލެކްސްގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީ ހިމެނޭ ކަމަށެވެ. އަދި އޮފީސް ޢިމާރާތަކާއި އިންޖީނުގޭގެ އިތުރުން ވެހިކަލް ވޯކްޝޮޕަކާއި ގުދަނެއް ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން 130 މީޓަރުގެ ދިގު މަގަތު ފާލަމަކާއި 3.5 މީޓަރު ފުންމިނުގެ ބަނދަރު، 3 ޕޮއިންޓުން މަސްކިރޭ ޖެޓީއަކާއެކު ޤާއިމްކުރެވިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ތެރެއިން 150 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދޭނެ ކަމަށެވެ.
މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.