ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެން އޮތީ މިއަދުގެ ފަހު މަންޒިލް ކަމަށްވާ އުނގޫފާރެވެ.
މިއަދު އެމަނިކުފާނު ވަނީ ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.
އުނގޫފާރުގައި މިރޭ 8:45 ގައި ޚާއްޞަ ޖަލްސާ އެއް އޮންނާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވިއެވެ
ރައީސްގެ މި ދަތުރުފުޅުގައި މިއަދު ވަނީ ރަށްރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް އިޢުލާން ކުރައްވާފައެވެ.
އެގޮތުން, ވާދޫގައި ކުނިކޮށީގެ މައްސަލަ ހައްލުކޮށް، ގޯތި ދޫކުރުމުގެ މަސައްކަތް އަވަސް ކުރެއްވުމާއި، ބިން ހިއްކުމުގެ މަޝްރޫޢު ފެއްޓެވުމަށް ވަޢުދުވެވަޑައިގަތެވެ.
ރަސްގެތީމުގައި ބަނދަރު މަރާމާތު ކުރުމާއި، ސްކޫލް ޖާގަ އިތުރުކުރުމާއި، ފުޓްސަލް ދަނޑު އެޅުމާއި، ކުނި މެނޭޖް ކުރުމުގެ ނިޒާމު ޤާއިމުކުރުން ފަދަ މަޝްރޫޢުތައް ފެއްޓެވުމަށް ނިންމަވާފައި ވެއެވެ.
އަނގޮޅިތީމުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލާއި ޙަވާލު ކުރެއްވިއެވެ. އަނގޮޅިތީމުގައި އެމަނިކުފާނު ވިދާޅުވީ، ވަރަށް އަވަހަށް ކައުންސިލް އަދި މުވައްސަސާތައް މެދުވެރިކޮށް ތަރައްޤީގެ މާސްޓަރ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކަމާ ބެހޭ ވުޒާރާއިން އަންނާނެ ކަމަށެވެ.
ފާހަގަކޮށްލަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ވާދޫއާއި ރަސްގެތީމާއި އަނގޮޅިތީމަށް ވެސް ރައީސް ގިނަ ވަޢުދުތަކެއް ވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ޔަޤީންކަން ދެއްވަނީ އެ ހުރިހާ ވަޢުދުފުޅުތައް ވެސް ވަރަށް އަވަހަށް ފުއްދަވައިދެއްވާނެ ކަމަށެވެ. ދެން އެމަނިކުފާނު އެ ރަށްތަކަށް ވަޑައިގަންނަވާނީ މިއަދު ވެވަޑައިގެންނެވި ވަޢުދުފުޅުތައް އިރާދަކުރެއްވިއްޔާ ފުއްދެވުމަށްފަހު އެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. ރައީސްގެ އަމާޒަކީ އެމަނިކުފާނުގެ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުމެވެ.