ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި ސަފީރު ފައިސަލް ރަސުލް ލޯދި އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ބައްދަލު ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ އިދާރާގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ސަފީރު ފައިސަލް ރަސުލް ލޯދިއަށް މިނިސްޓަރު ހަލީލް ތަހުނިޔާ ވިދާޅުވި ކަމަށެވެ. އަދި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ޕާކިސްތާނު ސަރުކާރުން ދޭ އެހީތައް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އާއި ޕާކިސްތާނާއި ދެމެދު މިހާރު އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ސަފީރު ފައިސަލް ރަސުލް ލޯދި ވަނީ އޭނާގެ ސަފީރު ކަމުގެ ދައުރުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހިކޮށް، ދެ ގައުމަށް ވެސް ފައިދާހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ހަލީލަށް ދެއްވައިފަ އެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީ އަދި ޑިރެކްޓަރ އަޝީރު އަބްދުލް އަޒީޒް ބައިވެރިވެވަޑައިގަތެވެ. އަދި ޕާކިސްތާނުގެ ސަފީރުގެ އަރިހުގައި އެ ހައި ކޮމިޝަނުގެ ސެކަންޑް ސެކްރެޓަރީ ޒުލްގަރުނައިން އަހްމަދު ބައިވެރިވެވަޑައިގަތެވެ.