ފުވައްމުލަކުގެ 10 މޭލު ބޭރުން ތިން މީހުންނާ އެކު ސޯމާލިއާގެ ޑިންގީއެއް ހިފަހައްޓައިފި

އަހްމަދު އީޒާން | 81 ދުވަސް ކުރިން - 12:30
ސޯމާލިއާގެ މީހުން އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި.
ސޯމާލިއާގެ މީހުން އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި.
ޚުލާސާ

އެމްއެންޑީއެފުން ބުނީ ފުވައްމުލަކުގެ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޝައްކު ކުރެވޭ ޑިންގީއެއް ފެނިފައިވާ ކަމަށް.

ފުވައްމުލަކުގެ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ތިން މީހުންނާ އެކު ސޯމާލިއާގެ ޑިންގީއެއް އެމްއެންޑީއެފުން މިއަދު ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފުވައްމުލަކުގެ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޝައްކު ކުރެވޭ ޑިންގީއެއް ފެނިފައިވާ ކަމަށެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބާ ޕެޓްރޯލުން އެ ސަރަހައްދަށް ގޮސް އެ އުޅަނދު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެނގުނު ގޮތުގައި އެއީ ރާއްޖެއިން ބޭރުގެ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" އެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ޑިންގީގައި ސޯމާލިއާ މީހުން ކަމަށް ޝައްކު ކުރެވޭ ތިން މީހުން ތިބި ކަމަށެވެ.

ފުލުހުން ވެސް ބުނީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ވެސް އެމްއެންޑީއެފުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅެނިކޮށް ސޯމާލިއާގެ އުޅަނދުފަހަރު ހިފަހައްޓައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%