"ބިންވެރިޔާ" ވައްކަމުގެ މޭސްތިރިއަކީ އަކުރަމް ކަމާލުއްދީން ކަމަށް ތުހުމަތު ކުރެވޭ އިތުރު ހެކިތަކެއް ފެނިއްޖެ

ހުސައިން އިސްމާއިލް | 84 ދުވަސް ކުރިން - 00:48
އަކުރަމް ކަމާލުއްދީން / ފޮޓޯ: ސޯޝަލް މީޑިއާ
އަކުރަމް ކަމާލުއްދީން / ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

ކުރީ ސަރުކާރުން ގޯއްޗާއި ފުލެޓު ލިސްޓުގައި މީހުންގެ ނަންތައް ފައިސާ ދިނުމުން ޖަހައިދިން ކަމަށް އޭރުވެސް އަޑު ފެތުރިފައިވާއިރު އެހެން ބުނި މީސްމީހުންގެ ޝަރުތު ހަމަނުވާ މުޅި ޢާއިލާ ވަނީ ލިސްޓުގައި ޖަހައިދީފަ.

"ބިންވެރިޔާ" އާއި ފުލެޓް ލިސްޓުގައި ނަން ޖަހަން ބޭނުންނަމަ "އަކުރަމް ކަމާލުއްދީނާއި ބައްދަލުކުރައްވައި ފައިސާކޮޅެއް ދިނުމުން އެކަން ހަމަޖެހޭނެ" ކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގައި ދެކެވުނު ވާހަކަތަކަށް އިތުރު ބުރަދަން ލިބިއްޖެއެވެ.

"ބިންވެރިޔާ" އާއި ގުޅިގެން މިހާރު ފުލުހުން ކުރަމުންދާ ތަޙުޤީޤުގެ ތެރެއިން ވެސް އެމްޑީޕީ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ފަރާތުން ބިން ލިބިފައިވާ ކަމަށް މިހާތަނަށް ސުވާލުކުރި ހަ ފަރާތުންވެސް ފުލުހުންގެ ތަޙުޤީޤުގައި ބުނެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކުރެއްވިއެވެ.

ފުލުހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލްގެ ބޭބެ އަށް ވެސް ގޯތި ދީފައިވަނީ އަކުރަމް ކަމާލުއްދީން ކަމަށް ދޭހަވެއެވެ. ފުލުހުން ސީދާ އެހެން ވިދާޅުނުވި ކަމުގައި ވިޔަސް، މިދިޔަ ސަރުކާރުގައި އަކުރަމް ކަމާލުއްދީނާއި ފަޒުލްގެ ބޭބެ ބައްދަލުކުރެއްވި ކަމަށާއި، ބިން ލިބުނީ ވެސް އޭގެ ފަހުން ޕޯޓަލްގެ ތެރެއިން ހުށަހަޅައިގެން ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ވެސް އެހެން ބަޔަކަށް ލޮޓްތައް ދީފައިވާކަން ފުލުހުން ފާހަގަކުރިއެވެ.

ފާހަގަލޮށްލަންޖެހޭ މުހިންމު ކަމަކީ އެމްޑީޕީގެ ވެރިކަމުގައި ވަރަށް ގިނަ ބަޔަކަށް އުޞޫލުން ބޭރުން ގޯތި ދީފައިވާއިރު ޕޯޓަލް ހުޅުވާލި ދުވަސްވަރު ވެސް އަކްރަމް ކަމާލުއްދީނު އުޅުއްވީ ޢާންމުންނާއި ބައްދަލުކުރެއްވުމަށްޓަކައި ވަރަށް އަވަދިނެތިކޮށެވެ. އެކަން ސީސީޓީވީ ކެމެރާތަކުގެ ތަޙުލީލުން އެނގެން އޮންނާނެ ކަމަށް ވެސް އޭނާއާއި ބައްދަލުކުރި މަޢުލޫމާތްތައް އެނގޭ ފަރާތްތަކުން ބުނެފައި އެބަހުއްޓެވެ. ހަމައެހެންމެ އެފަރާތްތަކުގެ ޢާއިލާގައި ތިބި ޝަރުޠު ހަމަނުވާ އެތައް ބަޔަކަށް ވެސް ސްކީމެއްގެ ތެރެއިން އަކްރަމް ކަމާލުއްދީނާއި ގުޅިގެން ނާޖާއިޒް ފައިދާ ހޯދާފައިވާ ކަމަށް ބުނެ އެ މަޢުލޫމާތު އެނގޭ އެތައް ބަޔަކު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މީގެ ކުރިން ވެސް މައްސަލަ ހުށަހަޅާފައެވެ. އޭގެތެރޭގައި މާލެ މީހުންނަށް ގޯތި ދިނުމަށް އެމްޑީޕީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރަން ނެގި ގުރުއަތު އޮޅުވާލައި ވަކި ބަޔަކަށް އެބަޔަކު ބޭނުން ތަނަކުން ހުޅުމާލެއިން ގޯތި ދިނުމަށް 30 މިލިއަނެއްހައި ރުފިޔާ ރިޝްވަތުގެ ގޮތުގައި އަކްރަމް ނެންގެވި މައްސަލަ ވެސް ހިމެނެއެވެ.

މިރޭގެ ނިއުސްކޮންފެރެންސުގައި ވެސް އަކުރަމް ކަމާލުއްދީން މެދުވެރިކޮށް ބަޔަކަށް ލިޔުންތަކެއް ލިބުނުކަމަށް ދޭހަވާ ގޮތަށް އެއިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބަދުﷲ ޝަރީފް ވިދާޅުވުމުން، ވައްކަމުގެ މޭސްތިރިޔަކީ އަކުރަމް ކަމާލުއްދިން ކަމަށް ޔަޤީނާއި ގާތްވެއެވެ.

ފުލުހުންގެ "ބަހުން" އެބޭފުޅުން ވިދާޅުވީ، ލިޔުންތަކުގެ ޞައްޚަކަން ކަށަވަރުކުރަމުންދާ ކަމަށާއި މިހާތަނަށް އެއްވެސް ފަރާތަކަށް ތުހުމަތު ކުރެވެޔޭ އަދި ނުދެންނެވޭނެއެވެ. ސަބަބަކީ ތަޙުޤީޤް ނުނިމޭތީއެވެ. ނަމަވެސް ތަޙުޤީޤުގައި ސުވާލުކުރި ފަރާތްތަކުން އަކުރަމްގެ ނަން ބުނެފައިވާކަން ފުލުހުން މިރޭ ފާހަގަކުރެއްވިއެވެ.

22 ނޮވެމްބަރ 2018 ވަނަ ދުވަހު މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު ކަމަށް އަކްރަމް ކަމާލުއްދީން އައްޔަންކުރެއްވި. އެ މަޤާމުހައި ހުރެގެން އޭނާ "ޖަރީމާތަކެއް" ހިންގިކަމަށް އެތައް ބަޔަކު ތުހުމަތު ކުރޭ.

އެހެންކަމުން ގުޅިފައިވާ ވާހަކަތަކުން އެނގޭ ގޮތުގައި ބިންވެރިޔާ ސްކީމްގެ މޭސްތިރިއަކީ އާރުޑީސީން 7 މިލިއަން ރުފިޔާ ނެގިކަމަށް ވެސް ތުހުމަތު ކުރެވޭ އަކްރަމް ކަމާލުއްދީނެވެ. ސިއްރު ލިޔުންތަކުން ހާމަވެފައިވާ ގޮތުގައި އޭނާގެ މަސްލަހަތު އޮންމަ އަލްކަޒާރ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް އާރުޑީސީގެ އެކައުންޓުން އަކްރަމްގެ ނުފޫޒުގައި ފައިސާ ޖަމާކުރި ތަފްސީލް ބޭންކު އޮފް މޯލްޑިވެސް (ބީއެމްއެލް) އިންވެސް ބަލާލެވެން އޮންނައިރު، އަކްރަމް ކަމާލުއްދީނަކީ ފުލެޓާއި ބިންތައް މީހުންނަށް ވަގަށް ދިނުމުގެ މޭސްތިރިޔާ ކަމަށް ވެސް ބުރަވެވޭ ސަބަބުތައް ގިނައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%