ފުވައްމުލަކު ސިޓީގައި ކުރިއަށްދާ "ހާލު ކިހިނެއް" ޕްރޮގްރާމްގެ ދަށުން 560 އަށްވުރެ ގިނަ ގޭބިސީގެ ހާލު ބަލާފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު ނަޒީޙާ އަޙްމަދު ވިދާޅުވިގޮތުގައި، މި ޕްރޮގްރާމް ފުވައްމުލަކުގައި ފެށީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އިއްޔެގެ ނިޔަލަށް 560 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޒީޙާ އިތުރަށް ވިދާޅުވީ، ފުވައްމުލަކު ސިޓީގައި މި ޕްރޮގްރާމްގެ ދަށުން ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކުރާނެ ކަމަށާއި، ޢާއިލާތަކާއި ވަކިވަކި ފަރުދުންގެ ފަރާތުން ލިބޭ ކަންބޮޑުވުންތައް ޙައްލު ކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ. ފުވައްމުލަކު ސިޓީގެ ރައްޔިތުން އެންމެ ގިނައިން ފާހަގަކޮށްފައިވަނީ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ދިމާވާ ދަތިތައްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ހާލު ކިހިނެއް" ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު ބަލައި، ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް މާލެއާއި ގއ. އަތޮޅާއި ތ. އަތޮޅުގައިވެސް މި ޕްރޮގްރާމް ވަނީ ފަށާފައެވެ.
މި ޕްރޮގްރާމްގެ ތެރެއިން ޢާންމުން އެންމެ ގިނައިން ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ. އަދި ބޭސްފަރުވާއަށް އެހީތެރިކަން ބޭނުންވުމާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި، ޑޮކްޓަރަށް ދެއްކުމާއި ރާއްޖޭން ބޭރުން ބޭސް ގެނައުންފަދަ ކަންކަމުގައި ދިމާވާ ދަތިތަކުގެ ކަންބޮޑުވުންތައްވެސް ވަނީ ފާހަގަކޮށްފައެވެ.