ދެކުނުގެ ރަަށެއްގެ ސްކޫލް ދަރިވަރުންތަކަކާއި އުމުރާއި ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި މައްސަލާގައި ޓީޗަރަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 29 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދަށް ކޯޓުން 20 ދުވަސް ދިން ކަމަށާއި އަދި ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިތުރު 30 ދުވަސް ކޯޓުން ދީފައިވާ ކަމަށް ވެސް ފުލުހުންގެ މެސެޖުގައި ބުންޏެވެ.
"މި މައްސަލައިގެ ތަހުގީގު ނިންމައި، ނޮވެމްބަރު 25 ވަނަ ދުވަހު ޕީޖީއަށް ވަނީ ފޮނުވައިފައި،" ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގީ ދެކުނުގެ ރަށެއްގަ އެވެ.
ނަމަވެސް، މި ކަހަލަ މައްސަލަތަކުގައި ކުޑަކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ރަށުގެ ނަމާއި މައްސަލައިގައި ހިމެނޭ މީހުން ފަދަ، ކުދިންގެ މައުލޫމާތު އެނގިދާނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އެ ތަފުސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.
ކުޑަކުދިން ގްރޫމް ކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފުލުހުން ބަލާފައިވެ އެވެ.