ބާސެލޯނާގެ ސްޓްރައިކަރު ރޮބަޓް ލެވަންޑޮވްސްކީއާއި ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމަލްއަށް އަނިޔާވެފައިވާ ކަމަށް ބާސެލޯނާއިން އިއުލާނުކޮށްފިއެވެ.
ލެވަންޑޮވްސްކީއަށް ބުރަކަށީގެ އަނިޔާއެއް ވެފައިވަނީ ރިއަލް ސޮސިއެޑާޑާ ކުޅުނު މެޗުގައެވެ. ބާސެލޯނާއިން ބުނެފައިވާ ގޮތުގައި ލެވަންޑޮވްސްކީ އަރާމުކުރަން ޖެހޭނީ 10 ދުވަހުގެ މުއްދަތަކަށެވެ. މި ސަބަބާ ހުރެ، ޕޮލެންޑްގެ ޤައުމީ ޓީމުގެ ކުރިއަށް އޮތް ބައިނަލްއަޤްވާމީ މެޗުތަކުގައި އޭނާއަށް ބައިވެރިއެއް ނުވެވޭނެއެވެ.
އަނެއްކޮޅުން ލަމިން ޔަމަލްއަށް ވެފައިވާ އަނިޔާގެ ސަބަބުން އޭނާ 2-3 ހަފްތާއަށް އަރާމުކުރަން ޖެހޭނެ ކަމަށް ބާސެލޯނާއިން ބުނެފައިވެއެވެ. އެހެންކަމުން ސްޕެއިންގެ ޤައުމީ ޓީމުގެ ކުރިއަށް އޮތް މެޗުތަކުގައި ޔަމަލްއަށްވެސް ބައިވެރިއެއް ނުވެވޭނެއެވެ.
ސްޕެއިން ހުކުރު ދުވަހު ޑެންމާކާއި ދެކޮޅަށް ނުކުންނައިރު 18ވަނަ ދުވަހު ސްވިޒަރލޭންޑާއި ދެކޮޅަށް ކުޅޭނެއެވެ. ޕޮލެންޑް ހުކުރު ދުވަހު ކުޅޭނީ އެ ގުރޫޕްގެ 1ވަނައިގައި އޮތް ޕޯޗުގަލާއި ދެކޮޅަށެވެ. ސްކޮޓްލެންޑާއި ދެކޮޅަށް 18 ވަނަ ދުވަހު ނުކުންނައިރު ޕޮލެންޑް އޮތީ ހަތަރު ޕޮއިންޓާއެކު ތިންވަނައިގައެވެ. 1 މެޗުން މޮޅުވިއިރު ދެމެޗުން ބަލިވެފައި ވެއެވެ.
ބައިނަލްއަޤްވާމީ މެޗުތަކުގެ ބްރޭކް މި ވަގުތު އައިސްފައި އޮތުމަކީ ބާސެލޯނާއަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. ބާސެލޯނާގެ ދެން އޮތް މެޗަކީ ނޮވެމްބަރު 23 ގައި ސެލްޓާ ޑި ވީގޯއާ އެކު ކުޅޭ މެޗެވެ. ލެވަންޑޮވްސްކީ މި މެޗަށް ރަނގަޅުވާނެ ކަމަށް ބެލެވޭ ނަމަވެސް، ޔަމަލް މި މެޗުގައި ކުޅޭނެކަން މި ވަގުތު ޔަގީނެއް ނޫނެވެ.










