ރާއްޖެއަށް ފޯޅަވަހި ލިބޭނެކަމުގެ އުންމީދު ދައްކަވައި، ރައްޔިތުންނަށް އޮޅުވާލުމަށް ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން މަސައްކަތް ކުރައްވާ މަންޒަރު ވަރަށް ސާފުކޮށް ފެންނަން ފަށައިފިއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އިއްޔެ ވިދާޅުވީ، ފޯޅަވަހި ކަނޑުގެ ސަރަޙައްދު ހޯދުމަށް އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ. ވިސްނާ ފިކުރު ކޮށްލައިފި މީހަކަށް މިއީ ނުވާނެ ކަމެއްކަން އެނގޭނެއެވެ. މިދިޔަ މަހު އިނގިރޭސީވިލާތުން ވަނީ އެމީހުންގެ އިސްތިޢުމާރުގެ ދަށުގައި އޮތް އެސަރަޙައްދަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް ނިންމައި ޑިއޭގޯ ގާސިއާ އެމެރިކާއަށް ކުއްޔަށް ދީފައިވާ އެއްބަސްވުން ވެސް އައުކޮށްފައެވެ. މިއާއެކު ޤާނޫނީ އަދި ބައިނަލްއަޤްވާމީ މާހިރުންގެ ބަހުން، ފޯޅަވަހި ސަރަހައްދަކީ ރާއްޖެއަށް ލިބޭނެ ތަނެއް ނޫންކަން ކަށަވަރުވެފައިވެއެވެ. ޚުދު ރައީސް ޔާމީނަށް ވެސް އެކަން އެނގިވަޑައިގަންނަވައެވެ.
ރައީސް ޔާމީނު ދެން ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ އަދިވެސް އެބައޮތް ކަމަށެވެ. އެމަނިކުފާނު އެ ހެއްދެވީ ސީދާ ކަނޑައެޅިގެން އިތުރުފުޅެކެވެ. ރާއްޖޭގައި އިންޑިއާ އަސްކަރިއްޔާ ނެތްއިރުގަވެސް، އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރުމުގެ ވާހަކަ ދައްކަވައި، ޤައުމީ ސަލާމަތާއި ގުޅޭ މައްސަލަތަކުގައި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ދަނީ މަސައްކަތް ކުރައްވައެވެ.
ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ޒިންމާއެކެވެ. ޤައުމުގެ ސަލާމަތާއިމެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް އެއްވެސް މީހަކު މަސައްކަތް ކުރާނަމަ އެކަމެއް ރިޕޯޓްކުރަން ޖެހޭނެއެވެ. އެހެންކަމުން މިއީ ދައްކަންޖެހޭ ވާހަކަތަކެވެ. ރައީސް ޔާމީނު މަސައްކަތް ކުރަމުންދަނީ ރާއްޖެ ބައިބައިކޮށް ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކަމަށް އެމަނިކުފާނު މިފަހަކަށް އައިސް ވިދާޅުވާ ބަސްފުޅުތަކުން ހާމަވެއެވެ.
ފޯޅަވަހި ރާއްޖެއަށް ހޯދައިދޭނަމޭ ނުވަތަ ގެއްލުނު ކަނޑުގެ ސަރަޙައްދު ހޯދައިދޭނަމޭ ވިދާޅުވާއިރު އެސަރަޙައްދަކީ ދިވެހިން ޢާންމުކޮށް ގޮސްއުޅޭ ސަރަޙައްދެއްވެސް ނޫނެވެ. އަނެއްކޮޅުން އެއީ އެހެން ޤައުމެއްގެ ތަނެއް ކަމަށް ނިންމާފައި އޮތް ސަރަޙައްދެކެވެ. މިއީ ޤަބޫލުކުރަން ދަތި ޙަޤީޤަތެއް ކަމުގައިވިޔަސް އެތަނެއް ދެނެއް މިރާއްޖެއަށް ލިބުމަކީ މުސްތަޙީލު ކަމެކެވެ. އެހެންކަމުން އޭގެ ދަޅަ ދައްކައިގެން ރައީސް ޔާމީން ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރައްވާއިރު، ރައްޔިތުންނަށް ވެސް ރައީސް ޔާމީން އުޅުއްވަނީ ވެރިކަމުގެ ދަހިވެތިކަމުގައިކަން އެނގެއެވެ. ފޯޅަވަހި ސަރަޙައްދާއި ގުޅޭގޮތުން އެއްވެސް އިތުރު ދަޢުވާއެއް ކުރުމުގެ ޤާނޫނީ ހަމައެއް ނެތްކަން ރައްޔިތުންނަށް ވަރަށް ސާފެވެ.
"ފޯޅަވަހި ސަރަހައްދާ ގުޅޭގޮތުން ކުރީގެ ސަރުކާރުން ވެސް ކުރެވުނު ހުރިހާ މަސައްކަތެއް ކުރެވިފައިވަނީ. މިހާރު އިތުރަށް ކުރެވޭނެ ކަމެއް ނެތް. މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު އިތުރުކުރުމަށް ކުރެވެން ހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް". ޤާނޫނީ ބޭފުޅަކު ވިދާޅުވިއެވެ.
ވެރިކަމަށް ދަހިވެތިވެތިކަމުގައި ކިތަންމެ ބޮޑު އިތުރުފުޅެއް ހައްދަވާލުމަކީ ވެސް މިއަދު ރައީސް ޔާމީނަށް މެޓައެއް ބައްލަވައިގަތުން ފަދަ ކަމެކެވެ. ރައީސް ޔާމީނަކީ ވަރަށް މަކަރުވެރި، ދޮގުވެރިއެއްކަން އެމަނިކުފާނުގެ ބަސްފުޅުތަކުން ދުވާލުގެ އިރު ފެންނަ ފަދައިން އެނގެއެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ރައީސް ޑރ. މުޢިއްޒު 50،000 ރުފިޔާ ކޮންމެ މަހަކުވެސް ދެއްވާ ކަމަށް ވިދާޅުވެ ހެއްދެވި ރޯ ބުހުތާނު އިތުރުފުޅާއި ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް 20-30 ހާސްރުފިޔާ މަހަކު ދެއްވާ ކަމަށް ވިދާޅުވުން ފަދަ އެތައް ކަމެއް ހިމެނެއެވެ.