ޒަކާތުގެ މަޢުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުކުރު ދުވަހު ދަރުސް ބާއްވަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޒަކާތަށް ޚާއްސަކޮށްފައިވާއިރު، އިސްލާމިކް މިނިސްޓްރީން ބުނީ ޚުތުބާގެ އިތުރުން މާލޭ ސިޓީ ހިމެނޭ ގޮތަށް މަޣުރިބު ނަމާދަށްފަހު މުދަލު ޒަކާތުގެ އުޞޫލުތަކާއި މުހިއްމުކަމާ ބެހޭ ގޮތުން އިތުރު ދީނީ ދަރުސްތައް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
މާލޭގެ މިސްކިތްތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މުދަލު ޒަކާތާއި ގުޅޭ ދަރުސް މިއަދު މަޣުރިބު ނަމާދަށްފަހު އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި ދަރުސްތަކުގެ މަޤްޞަދަކީ، މުޖުތަމަޢުގެ ތެރޭގައި އިޖްތިމާޢީ ރައްކާތެރިކަމާއި ހަމަހަމަކަން ކުރިއެރުވުމުގައި އިސްލާމީ އުޞޫލުތަކަށް ބާރުއަޅައި، މުދަލު ޒަކާތުގެ މުހިންމުކަމަށް ހޭލުންތެރި ކުރުވުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއަދު ބާއްވާ ދަރުސްތަކުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފައިވާއިރު އެ މިނިސްޓްރީން ބުނީ މި ދަރުސްތަކުގައި ބައިވެރިވުމަށް ބާރުއަޅަނީ މީގެ ސަބަބުން ޒަކާތާއި ގުޅޭ ޢިލްމު އިތުރުކޮށް، ޒަކާތުގެ ވާޖިބު އަދާކުރުމަށް ބާރުއެޅުމަށް ކަމަށެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ބުނީ މުސްލިމުން ނަމާދު ކުރަން ދަސްކުރާ ފަދައިން، އަދި ޙައްޖަށް ދާން އުޅޭއިރު، ޙައްޖުގެ އަޅުކަން އަދާކުރާނޭ ގޮތް ދަސްކުރާ ފަދައިން، ޒަކާތާބެހޭ ޙުކުމްތައްވެސް ދަސްކުރަން ޖެހޭނެ ކަމަށެވެ. ވަކިން ޚާއްޞަކޮށް ތަނަވަސްކަމުގެ އަހުލުވެރިން، މިކަން ކުރަން އޮންނަގޮތް ދެނެގަންނަން ޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރާނަމަ އިސްލާމީ މުޖްތަމަޢުގެ ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތައް ޙައްލުވާނޭކަން ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ޙަސަދަވެރިކަމާއި، ރުޅިވެރިކަން އެބައިމީހުންގެ މެދުން ފިލާ، އެބައިމީހުންގެ މެދުގައި ފަޤީރުކަންނެތި، މުޖްތަމަޢުގެ އެންމެހައި ފަރުދުން ފުދުންތެރި ބަޔަކަށް ވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.










