އެފްރިކާގެ އެކި ކަންކޮޅުތަކުން ނުރައްކާތެރި ވައްތަރުގެ މަކުނު ވިދުރި (އެމްޕޮކްސް) ޖެހިގެން 1،100 އެއްހާ މީހުން މަރުވެފައިވާ ކަމަށް އެފްރިކަން ޔޫނިއަންގެ ހެލްތު އެޖެންސީން ބުނެފިއެވެ. ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނީ ޖެނުއަރީ މަހުން ފެށިގެން އެފްރިކާއިން އެ ބަލީގެ 42،000 ވޭދަނަ ރެކޯޑް ކުރެވިފައިވާ ކަމަށެވެ.
އެފްރިކާ ސީޑީސީގެ ވެރިޔާ ޖީން ކަސޭޔާ އޮންންލައިން މީޑިއާ ބްރީފިންއެއްގައި ވިދާޅުވީ، "އަޅުގަނޑު ވަރަށް ހިތާމައާއެކު ދަންނަވާލަން ޖެހެނީ އެމްޕޮކްސް ޖެހިގެން މިހާރު 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާކަން. މިދިޔަ 40 ހަފްތާ ތެރޭގައި ޖުމްލަ 1،100 މީހުން އެ ބަލީގައި މަރުވެފައިވޭ." އަދި ފިޔަވަޅު ނާޅައިފިނަމަ އެމްޕޮކްސް ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
މިއަހަރު ރަސްމީކޮށް އެމްޕޮކްސް ފެނުނު އެފްރިކާގެ ޤައުމުތަކުގެ އަދަދު 18 އަށް އަރާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. ޒެމްބިއާ އާއި ޒިމްބާބުވޭއިން ފުރަތަމަ ފަހަރަށް ވޭދަނަތައް ވަނީ ރިޕޯޓްކޮށްފައެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. އެ ޤައުމުގައި މި ބައްޔާއި ދެކޮޅަށް ވެކްސިން ޖަހަން ވަނީ ފަށައިފައެވެ.
އެފްރިކާގެ ގިނަ ޤައުމުތަކުގައި ޞިއްޙީ ވަސީލަތްތައް މަދުވުމާއި، ވެކްސިން ލިބުން ދަތިވުމުގެ ސަބަބުން މި ބަލި ކޮންޓްރޯލްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވެއެވެ. މި ހާލަތުގައި، ޖަރުމަނުވިލާތުން ހަދިޔާކުރާ 100،000 ވެކްސިން ޑޯޒް އެފްރިކާގެ ޤައުމުތަކުގައި މި ބަލި ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭނެއެވެ. އަދި ޑަބްލިއުއެޗްއޯ އިން ކުރި އިލްތިމާސާ ގުޅިގެން، އެހެން ތަރައްޤީވެފައިވާ ޤައުމުތަކުން ވެސް އެފްރިކާއަށް އެހީތެރިވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.